ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހދ. ގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކުމުންދޫއަށް ވަޑައިގެންފިއެވެ.
މިއީ ހދ. އިން ރައީސް ވަޑައިގަންނަވާ އެންމެ ފަހުގެ މަންޒިލެވެ.
ރައީސުލްޖުމްހޫރިއްޔާ ކުމުންދޫއަށް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ.
ރައީސްގެ މިދަތުރުފުޅުގައި، ކުމުންދޫގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ރައީސްގެ މި ދަތުރުފުޅުގައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ކުމުންދޫގައި އުމްރާނީ ތަރައްޤީއާއި ގުޅުންހުރި ތަފާތު އެކި މަޝްރޫޢުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

