ހުޅުމާލެ އިން އުމުރުން 41 އަހަރުގެ ފިރިހެނަކު ގެއްލިގެން ފުލުހުން އޭނާ ހޯދަން ފަށައިފިއެވެ. އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވާ މި ފިރިހެން މީހާގެ ޚަބަރެއް އެންމެފަހުން ވެފައި ވަނީ އޮގަސްޓު މަހުގެ 20 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަނީ ދޫޑިގަން، ފަސީހްއާބާދު/ ޏ. ފުވައްމުލައް މަސީހް އަބްދުލް ހަކީމް (41އ) ކަމަށެވެ. އޭނާ ގެއްލިގެން ހޯދަން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ އޮގަސްޓު މަހުގެ 25 ވަނަ ދުވަހުގެ ރޭ، އާއިލާއަށް އޭނާގެ ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ބުނެއެވެ.
ފުލުހުންގެ މައުލޫމާތު ދޭ ގޮތުގައި މަސީހް މިހާރު ދިރިއުޅެމުން ދަނީ ހުޅުމާލެ، އެމްޕީއެލް ޓަވަރުގައެވެ. އޭނާގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުން ވީ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މަސީހް އަބްދުލް ހަކީމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ގުޅައި ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

