ރަސްމާލެ މަޝްރޫޢުގެ ބިން ހިއްކުމަށް ވެލި ނަގާ ސަރަހައްދުތަކުގައި ދޯނި އެޅުމާއި ޑައިވް ކުރުން ފަދަ ކަންތައް ނުކުރުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޑީސީން މިކަން އާންމުކޮށްފައިވަނީ ރަސްމާލެ މަޝްރޫޢުގެ ސައިޓް "ސީ" އަދި "އީ" ހިއްކުމަށް ވެލި ނަގާ ސަރަހައްދުތަކާއި ބިން ހިއްކާ ތަނާ ދެމެދު ޑްރެޖަރު 24 ގަޑިއިރު ހަރަކާތްތެރިވާނެތީއެވެ. މީގެ އިތުރުން، އެ ކުންފުނިން ވަނީ ވެލި ނަގާ ސަރަހައްދުތަކާއި ޑްރެޖަރު ހަރަކާތްތެރިވާނެ ސަރަހައްދު އަދި ބިން ހިއްކާ ތަނާ ދެމެދު ޑްރެޖަރު ދަތުރުކުރާނެ މަގު ފެންނާނެ ޗާޓެއް ވެސް އާންމުކޮށްފައެވެ.
އެ ސަރަހައްދުތަކުގައި އުޅަނދުފަހަރު އަޅައިގެން ތިބުމާއި ޑައިވް ކުރުން ފަދަ ކަންތައް ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އެޗްޑީސީން ފާހަގަކޮށްފައިވެއެވެ. އަދި އެ ސަރަހައްދުން ކަނޑު ދަތުރު ކުރާނަމަ، އެކަމަށް ސަމާލުވުމަށްވެސް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
ރަސްމާލެ މަޝްރޫޢުގެ ދަށުން މި މަހުގެ 21 ވަނަ ދުވަހު ފަށާފައިވަނީ ސައިޓް "ސީ" ގައި ހިމެނޭ 190 ހެކްޓަރާއި "އީ" ގައި ހިމެނޭ 75 ހެކްޓަރު ހިމެނޭހެން ޖުމްލަ 265 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ "ޔެންގ ޖުން 1" ނަމަކަށް ކިޔާ ޓްރެއިލަރ ސަކްޝަން ހޮޕަރ ޑްރެޖަރަކުންނެވެ. މި ޑްރެޖަރުގެ ކެޕޭސިޓީއަކީ 21,000 ކިޔުބިކް މީޓަރެވެ. މިއީ ރަސްމާލެ ހިއްކުމަށް މިހާތަނަށް ބޭނުންކުރަމުން އައި ޑްރެޖަރަށް ވުރެ ދެގުނަ ބޮޑު ޑްރެޖަރެކެވެ.
ރަސްމާލެ ތަރައްޤީކުރަމުންދަނީ 1,153 ހެކްޓަރުގެ ފުށި ދިއްގަރު ފަޅުން 1,009 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް 129.60 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ.



