"لا إله إلا الله" އަކީ ތައުހީދުގެ ކަލިމައެވެ. ދީނާއި މިއްލަތުގެ ތަރަހައެވެ. ސުވަރުގޭގެ ތަޅުދަނޑިއެވެ. އަދި ނަރަކައިން ދިންނެވުމުގެ ސަބަބެވެ. އެކަމަކު ހަމަ އެކަނި ދުލު ކޮޅުން ކިޔާލުމަކުން ނުފުދޭނެއެވެ. އަދިކިޔެއް މި ކަލިމައިގެ ޝަރުތުތަކެއް ވެއެވެ. އެ ޝަރުތުތައް ފުރިހަމަ ކޮށްފުމަށް ދާންދެން އެކަލިމަޔަކީ، އެ ކިޔާ މީހާއަށް މަންފާ ހުރި އެއްޗެއް ކަމުގައި ނުވާނެއެވެ. ޤުރުއާނާއި ސުންނަތުގައި މި ޝަރުތުތައް ވަރަށް ޞަރީހަކޮށް ބަޔާން ކުރައްވާފައި ވެއެވެ.
އެއީ:
އަލް ޢިލްމު: އެއީ "لا إله إلا الله" މި ކަލިމާގެ މާނަ އެނގުމެވެ. އޭގެ މާނައާއި މެދު ޖާހިލު ނުވުމެވެ. މިކަލިމަ ދުލުން ކިޔާ އިރު އޭގެ މާނަ ހިތުގައި އޮތުމެވެ. ޝިރުކާއި ތައުހީދު ވަކިކުރަން އެނގުމެވެ. އެއީ ﷲ އަށް އެކަނި އަޅުކަން ކުރުމާއި، އެކަލާނގެ މެނުވީ އަޅުކަން ކުރެވޭ އެއްމެހާ ފަރާތަކަށް ކާފަރުވެ، ޝިރުކުން ބަރީއަވުމެވެ. ﷲ ވަހީކުރެއްވިއެވެ. "ފަހެ ﷲ މެނުވީ އަޅުކަން ހައްގު ފަރާތެއް ނުވާކަން ދަންނާށެވެ!"
އަލް ޔަޤީން: ޝަހާދަތުގެ މާނަ އެއްވެސް ޝައްކަކާއި ވަސްވާހަކާއި ނުލައި ކަށަވަރުކޮށް ޔަގީން ކުރުމެވެ. ﷲ ވަހީކުރެއްވިއެވެ. "ހަމަ އެކަނި މޫމިނުންނަކީ ﷲ އާއި އެކަލާނގެ ރަސޫލާއަށް އީމާންވެ، ދެން އެކަމުގައި ޝައްކު ނުކުރާމީހުންނެވެ." ޝައްކު ކުރުމަކީ ނިފާގެވެ.
އަލް ޤަބޫލު: ތައުހީދުގެ ކަލިމައާއި އޭގެ މާނަ ގަބޫލުކުރުމާއި، ﷲގެ ހަޟުރަތުން ބާވައިލެއްވިފައިވާ އެއްވެސް ކަމެއް ރައްދު ނުކުރުމެވެ. އެކަލާނގެ ވަހީކުރެއްވިއެވެ. "އެބައިމީހުންގެ ގާތުގައި لا إله إلا الله ކިޔަން ބުނެވިއްޖެނަމަ ކިބުރުވެރިވެއެވެ." ﷲގެ ބަސްފުޅު އައުމުން އެ ރައްދު ކުރުމަކީ އީމާންކަމެއް ނޫނެވެ.
الإنقياد އެވެ. އެއީ ﷲ ގެ ތައުޙީދަށް ކިޔަމަން ގަތުމެވެ. އަދި އެކަލާނގެ އަމުރުފުޅުތަަކަށް ބޯލެނބުމެވެ. ނަހީތަކުން ދުރުހެލިވުމެވެ. އެކަލާނގެ އަމުރު ކުރެއްވިއެވެ. "އަދި ﷲގެ ހަޟުރަތައް ރުޖޫއަވެ، އެކަލާނގެއަށް ކިޔަމަންތެރި ވާށެވެ." އެކަލާނގެ ބަސްފުޅާއި އޯޑަރަށް އިންކާރު ކޮށްފި މީހެއްގެ އީމާންކަމެއް ނުވެއެވެ.
الصدق އެވެ. އެއީ ޝަހާދަތުގެ މާނަ ތެދު ކުރުމެވެ. އަދި ﷲއާ އެކަލާނގެ ރަސޫލާގެ އަރިހުން ސާބިތުވެފައިވާ އެއްވެސް ކަމެއް ދޮގު ނުކުރުމެވެ. ހަދީޘްގައިވެއެވެ. "ތެދުވެރިކަމާ އެކުގައި لا إله إلا الله ކިޔައިފި މީހާ ސުވަރުގެ ވަދެއްޖެއެވެ."
المحبة އެވެ. އެއީ ލޯތްބެވެ. ޝަހާދަތުގެ ދެކަލިމައާއި އެދެކަލިމައިގެ އަހުލުވެރިންދެކެ ލޯބިވުމެވެ. އަދި ﷲ ބާވައިލެއްވި އެއްމެހައި ތަކެއްޗަށާއި މާތް ރަސޫލާ ގެންނެވި އެއްމެހައި ކަމަކަށް ލޯބިވުމެވެ. "އަދި އީމާންވީ މީހުން އެއްމެ ބޮޑަށް ލޯބިވަނީ ﷲ ދެކެއެވެ." ﷲ އާއި އެކަލާނގެ ރަސޫލާއާއި މޫމިނުންދެކެ ރުޅި ނޭރުމެވެ.
الإخلاص އެވެ. ހަމަ އެކަނި ﷲގެ ވަޖުހުފުޅަށް ޓަކައި މި ކަލިމަ ކިޔުމާއި، އެއްވެސް އަޅުކަމެއްގައި އެހެން ފަރާތެއް ބައިވެރި ނުކުރުމެވެ. "އަދި ޝިރުކުން ދުރުހެލިވެ، ﷲއަށް ދީން ޚާލިޞްކޮށްގެންވާ ހާލުގައި އެކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ އެބައިމީހުނަށް އަމުރުވެވިގެން ނުވެއެވެ."
الكفر އެވެ. ﷲ ފިޔަވާ އަޅުކަން ކުރެވޭ އެއްމެހާ ފަރާތްތަކަށް ކާފަރުވުމެވެ. ޝިރިކުގެ އަހުލުވެރިންނާއި، އެބައިމީހުންގެ މަޒުހަބުތަކަކީ ޞައްހަ ނޫން އެއްޗެއްކަމުގައި ދެކި، އެއީ ހުސް ބާތިލު ގޮތްތަކެއް ކަމުގައި އިޢުތިޤާދު ކޮށް، އެއާ މުޅިން ދުރުހެލިވެ ބަރީއަވާން ޖެހޭނެއެވެ. މިއިން އެއްމެ ޝަރުތެއް އުނި ނުކޮށް، ހުރިހާ ޝަރުތުތަކެއް ފުރިހަމަ ކުރަން ޖެހޭނެއެވެ. ނޫންނަމަ ތިމާގެ ތައުހީދު ކަމަކު ނުދާނެއެވެ. މިފަދައިން لا إله إلا الله ކިޔައިފި މީހާ ސުވަރުގެ ވަދެ، އޭނާގެ މައްޗަށް ނަރަކަ ހަރާމްވެއްޖެއެވެ.

