ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށް ޚާއްސަކޮށްފައިވާ އެގްރޯނެޓްގެ ބޯޓުތައް އެމްޓީސީސީން އޮޕަރޭޓްކުރުމާ ގުޅޭގޮތުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެމްޓީސީސީއާއެކު ބޭއްވި ބައްދަލުވުމުގައި އެގްރޯނެޓް ބޯޓުތައް އެ ކުންފުނީގެ އުޅަނދުތަކުގެ ތެރޭގައި ހިމަނައިގެން ހިންގުމަށް އެމްޓީސީސީން ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ. އަދި މިހާރުވެސް ފެރީ ޚިދުމަތްތަކުގެ ތެރެއިން ތާވަލުތަކެއް އެކުލަވާލާފައިވާ ކަމަށާއި، އެ ތަފްސީލުތައް ވުޒާރާއާ ހިއްސާކުރާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފައިވެއެވެ.
އެގްރޯނެޓްގެ ބޯޓުތަކަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް އެއްރަށުން އަނެއް ރަށަށް އުފުލުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ ބޯޓުތަކެކެވެ. މި ބޯޓުތަކުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ރައްކާކުރެވޭނެ ސޯލާ ޕަވަރޑް ކޯލްޑް އެންޑް ޑްރައި ސްޓޯރޭޖް ފެސިލިޓީތަކާއި، ފަޅުވެރިންނަށް އަރާމުކޮށްލެވޭނެ ކޮޓަރިތައް ހިމެނެއެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި، އެމްޓީސީސީން ހުށަހަޅާފައިވާ ތާވަލުތައް މުރާޖަޢާކޮށް، ލޮޖިސްޓިކްސްގެ ޕްލޭނެއް އެކުލަވާލުމަށްފަހު އެ މަޢުލޫމާތު ދަނޑުވެރިންނާ ހިއްސާކުރުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ދެމެހެއްޓެނިވި، ފައިދާހުރި އަދި އިތުބާރުހުރި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމެވެ.
ރާއްޖޭގެ ދަނޑުވެރިން އުފައްދާ ތަކެތި ވިއްކޭނެ އިންތިޒާމްތައް ފަހިކޮށްދިނުމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ބޯޓުތަކުގެ ސަބަބުން ދަނޑުވެރިންގެ އުފެއްދުންތައް ތާޒާކަމާއެކު ވަގުތުން ރާއްޖޭގެ އެކި މާރުކޭޓުތަކަށް ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

