ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުން އަންނަ 4،000 ފްލެޓަށް މީހުން ބަދަލުވުމުގެ ކުރިން އެ ސަރަހައްދުގައި ބަސް ސްޓޮޕްތައް ޤާއިމްކުރުމުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.
އެޗްޑީސީން މިކަން ހާމަކުރަމުން ބުނެފައިވަނީ، މިހާރު ވަނީ ފުރަތަމަ ބަސް ސްޓޮޕް ހަދައި ނިމިފައި ކަމަށާއި، މިވަގުތު ކުރިއަށްދަނީ ހިތިގަސްމަގުގައި ޤާއިމްކުރާ ބަސް ސްޓޮޕްގެ މަސައްކަތް ކަމަށެވެ. މި މަޝްރޫޢުގެ ދަށުން އިތުރު 3 ބަސް ސްޓޮޕް އަލަށް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އެޗްޑީސީގެ އެސިސްޓެންޓް މެނޭޖަރ ޕީއާރް، މުޙައްމަދު ސިރާޖް ވިދާޅުވީ، “ބަސް ސްޓޮޕްގެ މަސައްކަތް އަޅުގަނޑުމެން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށް މި ގެންދަނީ ގެދޮރުވެރިޔާގެ ފްލެޓްތަކަށް މީހުން ބަދަލުވުމުގެ ކުރިން ބަސް ސްޓޮޕްތައް ޤާއިމްކުރުމަށް” ކަމަށެވެ.
އިތުރަށް މަޢުލޫމާތު ދެމުން ސިރާޖް ވިދާޅުވީ، ގެދޮރުވެރިޔާ ސަރަހައްދުގައި ޖުމްލަ 5 ބަސް ސްޓޮޕް ޤާއިމްކުރާނެ ކަމަށާއި، މީގެ އިތުރުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިން ހުރި ބަސް ސްޓޮޕްތަކާއެކު ޖުމްލަ 17 ބަސް ސްޓޮޕް އައުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި 4،000 ފްލެޓް ހިމެނޭ ޓަވަރުތައް ހުރި ސަރަހައްދުގައި މިވަގުތު އެއްވެސް ބަޔަކު ދިރިނޫޅޭތީ، އެ ސަރަހައްދުގައި ބަސް ސްޓޮޕްތައް ޤާއިމްކޮށްފައެއް ނުވެއެވެ. ނަމަވެސް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި އެހެން ފްލެޓްތައް ކައިރީގައި ބަސް ސްޓޮޕްތައް ވަނީ ޤާއިމްކޮށްފައެވެ.
އެޗްޑީސީން ފާހަގަކުރި ގޮތުގައި، މި ސަރަހައްދުގައި ބަސް ސްޓޮޕްތައް ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ އެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރާ ރައްޔިތުންނަށް ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމެވެ.

