ރުއް އިންދާ އާލާކުރުމަށް ކައުންސިލްތަކުގެ ޝައުގުވެރިކަން ބޮޑުކަމަށާއި މިހާތަނަށް 4 ރަށެއްގައި 60 ރުއް އިންދާފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.
މި ހަރަކާތަކީ ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ހިންގި ހަރަކާތެކެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް 600,000 އާ ގާތްކުރާ އަދަދަކަށް ގަސް ވަނީ އިންދާފައެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވަޒީރު ޑރ. މަރިޔަމް މާރިޔާ ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ރުއް އިންދުމަށް އިލްތިމާސް ކުރައްވާފައެވެ. މި އިލްތިމާސް ވަނީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ފޮނުވާފައެވެ.
"މިއަދު އަޅުގަނޑު ވަރަށް އުފާވެއްޖެ. ގދ. މަޑެވެލި، ލ. ފޮނަދޫ، އަދި ކ. ކާށިދޫ ނަމޫނާއަކަށް ބަލައިގެން އެހެން ރަށްތަކުންވެސް ރުއް އިންދާ އާލާ ކުރުމަށް އަޅުގަނޑު އެދެން،" ވަޒީރު މާރިޔާ ވިދާޅުވިއެވެ.
ވަޒީރުގެ އިލްތިމާސްއާ ގުޅިގެން ލ. ފޮނަދޫ، ގދ. މަޑެވެލި، ކ. ކާށިދޫ އަދި ގދ. ފިޔޯރީގައި މިހާރު ވަނީ 60 ރުއް އިންދާފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި ރުއް އިންދާ އާލާކުރުމަކީ އުފެއްދުންތެރިކަމާއި ފެހިކަން އިތުރުކޮށްދޭނެ ކަމެކެވެ.
ރާއްޖޭގައި ރުއް އާލާކުރުމުގެ ޤައުމީ ޕްރޮގްރާމް ފެށިފައިވަނީ ރުއްގަހަށް ޖެހޭ ބަލިތައް އިތުރުވެ، ކާށްޓާއި ކުރުނބާ ލިބުން ދަތިވަމުން އައުމާ ގުޅިގެންނެވެ. މިހާރު ދަނީ ފެންވަރު ރަނގަޅު ރުކުގެ މުޑުވައް އާލާކުރުމުގެ މަސައްކަތް ކުރިއަށެވެ.

