އައިނު ހެއްދުމަށް ރައްޔިތުން ކުރާ ބޮޑު ހޭދައަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އައިނު ފިހާރައެއް މިއަދު ހުޅުވައިފިއެވެ.
“އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް ހުޅުމާލެ” ގެ ނަމުގައި ހުޅުވި މި ފިހާރަ ހުޅުވައިދެއްވީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާވެށްޓާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ފިހާރައަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް ހުޅުވި ދެވަނަ އައިނު ފިހާރައެވެ.
ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، “މި ޚިދުމަތް ފެށުމުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލެ ނުގޮސް ޚިދުމަތް ހޯދަން ފަސޭހަވެގެންދާނެ” ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އަތޮޅުތަކުގައި ވެސް އައިނު ފިހާރަތައް ހުޅުވުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ފިހާރައިން ޒަމާނީ ވަސީލަތްތަކާއެކު ޚިދުމަތް ދެމުންދާއިރު، އާސަންދައިން އައިނު ހައްދަން ހޭދަކުރާ 2000 ރުފިޔާގެ ލިމިޓްގެ ތެރެއިން ދިވެހި ކޮންމެ ރައްޔިތަކަށް ހިލޭ އައިނު ހެއްދޭނެއެވެ. އައިޖީއެމްއެޗްގައި މިދިޔަ މަހު ހުޅުވި އައިނު ފިހާރައިން 28 ޖުލައި އިން 25 އޮގަސްޓާ ހަމައަށް 1161 އައިނު ހަދާފައިވާއިރު، ދުވާލަކު 80-100 އަށްވުރެ ގިނަ ރައްޔިތުން މި ޚިދުމަތް ހޯދުމަށް ޒިޔާރަތްކުރެއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ ކަނބިލި ބިލްޑިންގުގެ ތިރީ ފަންގިފިލާގައި ހުޅުވާފައިވާ މި ފިހާރައިން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް ޚިދުމަތް ދެމުންގެންދާނެއެވެ. މިއީ ސަރުކާރުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުން އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދޭން ފެށި ފުރަތަމަ ފަހަރެވެ.

