ނެޓްފްލިކްސްގެ މަޝްހޫރު “ވަން ޕީސް” ލައިވް-އެކްޝަން ސިލްސިލާގައި ސަންޖީގެ ދައުރު އަދާކޮށް ދުނިޔޭގެ މަޤުބޫލުކަން ހޯދާފައިވާ އެކްޓަރ ޓެޒް ސްކައިލަރ، ރާއްޖެ އައިސްފިއެވެ. ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި އޭނާ ރާއްޖެ އައިސްފައިވަނީ ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ މަޤްޞަދުގައެވެ.
ސްކައިލަރ ރާއްޖޭގައި ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ހޭދަކުރާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން މައުލޫމާތު ދެއެވެ. މި މުއްދަތުގައި އޭނާ ރާއްޖޭގެ ހިތްގައިމު ޤުދުރަތީ ރީތިކަމާއި، ސަގާފީ މުއްސަނދިކަމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ޚާއްސަކޮށް އެޑްވެންޗަރ ފަތުރުވެރިކަމުގެ ފުރުސަތުތައް ޕްރޮމޯޓްކުރުމުގައި ހަރަކާތްތެރިވާނެއެވެ.
އިންސްޓަގްރާމްގައި 1.8 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި ސްކައިލަރގެ ޕޯސްޓުތަކަށް އެވްރެޖްކޮށް 45،000 ލައިކް އަދި 300 އަށްވުރެ ގިނަ ކޮމެންޓް ލިބެއެވެ. “ސްކައިލަރގެ ނުފޫޒާއި ވާހަކަ ކިޔައިދިނުމުގެ ހުނަރުން ޘަޤާފީ، އެޑްވެންޗަރ، އަދި ދިރިއުޅުމުގެ ވައްޓަފާޅީގެ ތަޖުރިބާތައް ލިބޭ މަންޒިލެއްގެ ގޮތުގައި ދުނިޔޭގެ އިޝްތިހާރުކޮށް ދިވެހިރާއްޖެއަކީ ފައިހަމަ ކުރުމަށް މަގުފަހިވެގެންދާނެ” ކަމަށް ވީއެމްސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.
ސްކައިލަރގެ މި ދަތުރުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށް، އެޑްވެންޗަރ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ތަފާތު މޫދު ކުޅިވަރުތަކާއި ކަނޑުއަޑީގެ ހިތްގައިމުކަން ދައްކާލުމަށް ގިނަ ހަރަކާތްތަކެއް ތަޖުރިބާކުރާނެއެވެ. އަދި ދިވެހި ޘަޤާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް، މީހުން ދިރިއުޅޭ ރަށްރަށަށްވެސް ޒިޔާރަތްކުރާނެއެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ މި ޒިޔާރަތް މެދުވެރިކޮށް، އާއިލާތަކާއި، ޒުވާން ދަތުރުވެރިންނާއި، އަދި އެޑްވެންޗަރ ފަތުރުވެރިން ފަދަ ސެގްމަންޓްތަކަށް ވާޞިލްވުމާއެކު، ދިވެހިރާއްޖޭގެ ޕްރިމިއަމް މަންޒިލެއްގެ ގޮތުގައިވާ މަޤާމު ދެމެހެއްޓުމަށް މަސައްކަތްކުރާނެ ކަމަށެވެ.

