ހުޅުމާލެ ވޯޓަރ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުން މަރުވެފައި އޮތްވާ ފެނުނު މީހާއަކީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ރުޕަން ތަޕާ މަގަރު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި 29 އަހަރުގެ ރުޕަން ތަޕާ މަގަރުގެ ހަށިގަނޑު ފެނުނު ފަހުން ކުރެވުނު ފޮރެންސިކް ތަހުލީލުތަކުން އޭނާގެ އައިޑެންޓިޓީ ވަނީ ކަށަވަރުކުރެވިފައެވެ. އަދި މިހާތަނަށް ކުރެވުނު ތަހުގީގުތަކުން އޭނާގެ މަރާ ގުޅިގެން ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރުޕަން ތަޕާ މަގަރުގެ ހަށިގަނޑު ފެނިފައިވަނީ ހޯމަ ދުވަހު ހުޅުމާލޭގައި ވޯޓަރ ޕާކް ހަދަން ކަނޑައަޅާފައިވާ ސަރަހައްދުންނެވެ. އޭނާގެ ހަށިގަނޑު ފެނުނު ވަގުތުން ފެށިގެން ފުލުހުން ވަނީ އޭނާގެ އައިޑެންޓިޓީ ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބިލައްވާ ފަރާތްތަކުން އެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް ވަނީ އެދިފައެވެ.

