ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޝަން ބިލާ ގުޅިގެން ނޫސްވެރިން އިއްޔެ ކުރި މުޒާހަރާގައި އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން ކުރި އިހުތިޖާޖީ ހަރަކާތްތައް ފެށުނީ މަޖިލިސް އިދާރާ ކުރިމަތިން ކަމަށްވީ ނަމަވެސް، ފަހުން އެ މުޒާހަރާ ރައީސް އޮފީސް އަދި މުލިއާގޭ ކުރިމައްޗަށް ބަދަލުވި އެވެ. މި މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ބައެއް ނޫސްވެރިން ޖީޕަށް އަރުވައި، ފަހުން ދޫކޮށްލާފައެވެ.
މި ހާދިސާއާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހެނދުނު އެކްސްގައި ޕޯސްޓެއް ކުރައްވައި، އިއްޔެގެ މުޒާހަރާއިން ހައްޔަރުކޮށްފައިވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލެއްވި އެވެ. ނަމަވެސް މިކަމަށް ރައްދު ދެއްވަމުން ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެފައިވަނީ އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
“ނޫސްވެރިން މުޒާހަރާކުރަމުން ދިޔައީ ސެކިއުރިޓީ / ގްރީން ޒޯނެއްގައި (ރައީސް އޮފީހާއި ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅުގެ ކުރިމަތީގައި) އަދި މިއީ ގާނޫނާ ހިލާފު ކަމެއްކަމުގައި ވާއިރު، ފުލުހުން ވަނީ އެތައް ފަހަރެއްގެ މަތީން އަނގަބަހުން އިންޒާރުދީ އިރުޝާދު ދިނުމަށްފަހު، އެ ސަރަހައްދުން ބައެއް ނޫސްވެރިން ނެރެފަ،” މިހެން ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
އަދި ހޯމް މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޚާއްޞަކޮށް މަތީ މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކުން ދޮގު މަޢުލޫމާތު ފެތުރުމުން ދުރުހެލިވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

