މާލެ އަތޮޅު މާފުށީ ސްކޫލުގައި ތަރައްޤީކުރަމުންދިޔަ 12 ކްލާސްރޫމުގެ އިމާރާތުގެ މަސައްކަތް ނިންމާލައިފއެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިހާރު ކުރިއަށްގެންދަނީ ޕްރޮޖެކްޓުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.
އެމްޓީސީސީން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިހާރު އިމާރާތުގެ ޓައިލިންގ އަދި ސީލިންގގެ މަސައްކަތް ވަނީ ނިމުމަކާ ހަމައަށް ގޮސްފައެވެ. މީގެއިތުރުން، އިމާރާތަށް ބޭނުންވާ އެހެނިހެން ތަކެތި ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 758,066.60 ރުފިޔާ (ހަތްލައްކަ ފަންސާސްއަށްހާސް ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސްލާރި) އަށެވެ.
ސަރުކާރުގެ ސްކޫލްތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި، ގިނަ ސްކޫލްތަކެއްގައި އައު އިމާރާތްތަކާއި މަލްޓިޕަރޕަސް ހޯލްތައް އެޅުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. ސްކޫލްތަކުން ފާހަގަކުރާ ގޮތުގައި، ދަރިވަރުންގެ އަދަދު އިތުރުވަމުންދާ މިންވަރަށް ބަލާއިރު، އެންމެ ބޮޑަށް ބޭނުންވަނީ ޖާގަ ތަނަވަސް އިމާރާތްތަކެވެ.
އަދި ބައެއް ސްކޫލްތަކުގައި ހުރި ގިނަ އަހަރުވެފައިވާ އިމާރާތްތަކުގައި ކިޔަވައިދިނުމަކީ އެންމެ ރައްކާތެރި ގޮތް ނޫންކަންވެސް ސްކޫލްތަކުން ވަނީ ފާހަގަކޮށްފައެވެ. މި ކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން މިފަދަ އެތައް މަޝްރޫޢުތަކެއް ރާވައި ހިންގަމުން ގެންދެއެވެ.

