ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ދެމެދު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ފަހުމުނާމާގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކުގެ އިތުރުން މާލީ ހާލަތުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ދަށްވެފައިވާ ފަރާތްތަކަށް މަސައްކަތުގެ ތަޖުރިބާއާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެވޭނެއެވެ.
ވުޒާރާއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ފަހުމުނާމާގެ ދަށުން ވަޒީފާއަށް އެދޭ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެއެވެ. މިއީ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މުޖުތަމައުގެ އެންމެހައި ފަރުދުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
މި ފަހުމުނާމާގެ ސަބަބުން މުޖުތަމައުގެ އެކި ގިންތިތަކުގެ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އެ ފަރާތްތަކުގެ އިޖްތިމާއީ އަދި އިޤްތިޞާދީ ހާލަތު ރަނގަޅުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ. އަދި މިއީ އިންކްލޫސިވް ވަޒީފާގެ މާހައުލެއް ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.

