ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސްޕެއިންގެ 60 އަހަރުގެ ފިރިހެނެއްގެ ބަންދު މުއްދަތު އިތުރު 15 ދުވަހަށް އިތުރުކޮށްފިއެވެ.
މި މައްސަލައިގައި އެ ފިރިހެންމީހާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އޭނާ ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކުރިއެވެ. އެ މުއްދަތު މި މަހުގެ 26 ވަނަ ދުވަހު ހަމަވުމާ ގުޅިގެން، އަލުން ކޯޓަށް ހާޒިރުކުރުމުން ވަނީ އިތުރު 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި އޭނާ ކުށްކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިވެއެވެ. އޭނާ ރާއްޖެއަށް އައި އިރު ލަގެޖުގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރަން އުޅުނު ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.
މި މައްސަލައިގައި އިތުރު ދިވެހިންތަކެއްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ. އަދި އޭނާގެ އަތުން ފެނުނު ތަކެތި ފީލްޑް ކިޓުން ޓެސްޓުކުރުމުން ކޮކެއިންއަށް ޕޮސިޓިވްވެފައިވާ ކަމަށްވެސް އަމުރުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްދާއިރު، އިތުރު ފަރާތްތަކެއް މި މައްސަލައާ ގުޅުންހުރިތޯ ބަލަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

