މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށްފަހު، މީޑިއާތައް ރެގިއުލޭޓްކުރުމަށް އައު ކޮމިޝަނެއް އުފެއްދުމަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.
މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި، ބިލާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން 6 ސެޕްޓެމްބަރާ ހަމައަށް ހުޅުވާލުމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވަނީ ތާއީދުކުރައްވާފައެވެ.
ކޮމިޓީގެ މުޤައްރިރު، މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ވިދާޅުވި ގޮތުގައި، އަންނަ ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހާ ހަމައަށް މީޑިއާ އިދާރާތަކާއި ނޫސްތަކާއި އެހެނިހެން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނާއި ޔޫތު މިނިސްޓްރީގެ ޚިޔާލު ހޯދުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ގެ ނަމުގައި މަޖިލީހަށް ހުށަހެޅި މި ބިލަކީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލެކެވެ. އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި މި ބިލު ބަލައިގަތުމަށް 49 މެންބަރުން ވޯޓު ދެއްވާފައިވާއިރު، 12 މެންބަރުން ވޯޓު ދެއްވާފައިވަނީ ބިލު ބޭރުކުރުމަށެވެ.
މި ބިލުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި، އަލަށް އުފައްދާ މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ޚިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާކުރުމުގެ ބާރު ހިމެނެއެވެ. މިގޮތުން ވަކިވަކި ނޫސްވެރިން 5,000 ރުފިޔާއިން 25,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެ އިރު، މީޑިއާ ވަސީލަތްތައް 100,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ އިތުރުން ރަޖިސްޓްރީ ބާޠިލުކުރުމުގެ ބާރުވެސް މި ކޮމިޝަނަށް ލިބިގެންދާނެއެވެ.

