ލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށް ފަހު މީޑިއާތައް ރެގިއުލޭޓް ކުރުމަށް އައު ކޮމިޝަނެއް އުފެއްދުމަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތްތައް ނިންމުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ވަނީ ސެޕްޓެމްބަރު 15 ކަނޑައަޅާފައެވެ.
މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ހުށަހެޅުއްވި ގޮތުން، ބިލާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން ސެޕްޓެމްބަރު 6 އަށް ހުޅުވާލުމަށް ވަނީ ނިންމާފައެވެ. މި ހުށަހެޅުމަށް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވަނީ ތާއީދުކުރައްވާފައެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލުގައި، އުފައްދަން ހުށަހަޅާފައިވާ ކޮމިޝަނަށް ފުޅާ ބާރުތަކެއް ދޭން ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި މީޑިއާތަކާއި ވަކިވަކި ނޫސްވެރިންނަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމާއި، މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ހިމެނެއެވެ.
އިއްޔެ މަޖިލީހުގައި މި ބިލަށް ބަހުސްކުރެވުނު އިރު، ބައެއް މެންބަރުން ވިދާޅުވެފައިވަނީ މިއީ މީޑިއާގެ މިނިވަންކަން ހަނިކޮށް، ނޫސްވެރިކަމުގެ ބާރު ކަނޑުވާލާނެ ބިލެއް ކަމަށެވެ. ނަމަވެސް ޕީއެންސީގެ މެންބަރުން ވިދާޅުވެފައިވަނީ މި ބިލުގެ ސަބަބުން ނޫސްވެރިކަމަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށެވެ.
ބިލުގައިވާ ގޮތުން، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި މީޑިއާތައް 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން، ކޮމިޝަނުން ބަލަމުންދާ މައްސަލައެއްގައި ވަގުތީ ގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލުކުރުމާއި، ވެބްސައިޓް ބްލޮކްކުރުމާއި، ބްރޯޑްކާސްޓިން ހުއްޓުވުމުގެ ބާރުވެސް ކޮމިޝަނަށް ލިބިގެންދާނެއެވެ.

