އިއްޔެ ރައީސް އޮފީހާއި މުލިއާގެ ކައިރިއަށް އެއްވި ނޫސްވެރިންނަށް ދައުވާކުރަން އުޅޭ ކަމަށް ބުނާ ވާހަކަ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ދޮގުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން “އެކްސް” ގައި ޕޯސްޓްކޮށްފައިވާ ވާހަކައެއްގައި ބުނެފައިވަނީ، އިއްޔެ ރައީސް އޮފީހާއި މުލިއާގެ ދޮރުމަތީގައި އިހުތިޖާޖުކުރި ނޫސްވެރިންނަށް ދައުވާކުރުމަށް ހޯމް މިނިސްޓަރު އަލީ އިހްސާންއާއި ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު މުހައްމަދު މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި ފުލުހުން އެ މައްސަލަ ތަހުގީގުކޮށް ދައުވާކުރުމަށް ޕީޖީއަށް ރިޕޯޓު ފޮނުވުމަށް ވެސް ޑީޕީޖީ އައިޝަތު އަންގަވާފައިވާ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
ނަމަވެސް މި މައްސަލައާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ، ޑީޕީޖީ އައިޝަތު، މިނިސްޓަރު އިހްސާން އަދި އެހެން އެއްވެސް ފަރާތަކާ އެފަދަ ބައްދަލުވުމެއް ބާއްވާފައި ނުވާ ކަމަށެވެ. އަދި އެފަދަ އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާ ކަމަށްވެސް އެ އޮފީހުން ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ.
ނޫސްވެރިން އިއްޔެ ރައީސް އޮފީހާއި މުލިއާގެ ކުރިމަތީގައި އިހުތިޖާޖުކޮށްފައިވަނީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތް މީޑިއާ ބިލާ ގުޅިގެންނެވެ. އިއްޔެގެ އިހުތިޖާޖުގައި ބައިވެރިވި ބައެއް ނޫސްވެރިން ފުލުހުން ވަނީ ހައްޔަރުކޮށް، ވޭނަށް އަރުވާފައެވެ. ނަމަވެސް އިރުކޮޅެއްގެ ތެރޭގައި އެ ނޫސްވެރިން ވަނީ ދޫކޮށްލާފައެވެ.
މިއަދު ވެސް ނޫސްވެރިން ވަނީ ރައީސް އޮފީސް ސަރަހައްދުގައިވާ ނޫސްވެރިންގެ ފެންޑާގައި އިހުތިޖާޖުކޮށްފައެވެ. މި އިހުތިޖާޖުގައި ނޫސްވެރިން ގޮވާލަމުން ދިޔައީ މީޑިއާ ބިލު މަޖިލީހުން ބޭރުކޮށްލުމަށާއި، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށެވެ.

