ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ކުރިއަށްގެންދާ ފުލް ސްކޭލް އެކްސަސައިޒްގައި ރަންވޭ އެއް ގަޑިއިރަށް ބަންދުކުރި ނަމަވެސް، ފްލައިޓް ޝެޑިއުލްތަކަށާއި އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އަންނަ މަހުގެ 8 ވަނަ ދުވަހު ކުރިއަށްގެންދާ މި އެކްސަސައިޒަކީ ސިވިލް އޭވިއޭޝަން ޤަވާއިދުތަކުގެ ދަށުން ކޮންމެ 3 އަހަރަކުން އެއްފަހަރު ކުރިއަށްގެންދަންޖެހޭ އެކްސަސައިޒެކެވެ. މި އެކްސަސައިޒްގައި އެއަރޕޯޓުގެ ހުރިހާ ޚިދުމަތްތަކެއް ކުއްލި ހާލަތަކަށް ތައްޔާރުވެފައިވާ މިންވަރު ވަޒަންކުރެވޭނެއެވެ.
އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ އަޒީނާ އަބްދުލް މަތީން ވިދާޅުވި ގޮތުގައި، އެކްސަސައިޒް ފެށޭނީ ހަވީރު 4:00 ގައި ކަމަށާއި، ރޭގަނޑު 9:00 އާ ހަމައަށް ކުރިއަށްދާނެއެވެ. “ރަންވޭ ބަންދުކުރަނީ ހަވީރު 4:00 އިން 5:00 އަށް. އެއީ ފަޔަރފައިޓިން މޮކަޕްއަށް. ދުމުގެ އަސަރު ހުރެ އަލިފާން ފެންނާނެތީ ރައްކާތެރިކަމަށްޓަކައި ރަންވޭ ބަންދުކުރަނީ،” އަޒީނާ ވިދާޅުވިއެވެ.
މި އެކްސަސައިޒްގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، ޤައުމީ ދިފާޢީ ބާރާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި މާލޭގެ ހޮސްޕިޓަލްތަކާއި ސިޓީ ކައުންސިލުގެ އިތުރުން އެހެނިހެން ސަރުކާރުގެ މުއައްސަސާތަކުން ބައިވެރިވާނެއެވެ.
“ޝެޑިއުލިންގ އެއްވެސް މައްސަލައެއް ނޯންނާނެ. މިހާރު ޝެޑިއުލްކޮށްފައި އިންގޮތަށް ޓޭކް އޮފް އަދި ލޭންޑިން ކުރިއަށްދާނެ. ރަންވޭ ބަންދުކުރާ ވަގުތާ ގުޅޭގޮތުން ނޯޓަމް އިޝޫކޮށް، ހުރިހާ އެއަރލައިންތަކަށް އަންގާފައިވާނެ،” އަޒީނާ ވިދާޅުވިއެވެ.
އެމްއޭސީއެލްއިން ވަނީ މި އެކްސަސައިޒްގެ ސަބަބުން އެއަރޕޯޓު ސަރަހައްދުގެ ޓްރެފިކަށް އަންނަ ބަދަލުތަކާ ގުޅޭ މަޢުލޫމާތު ކުރިއާލާ އާންމުކުރާނެ ކަމަށް ބުނެފައެވެ. އަދި ފުރަން އަންނަ ފަސިންޖަރުން ގަޑިއަށް ޗެކިންއަށް އައުމަށް އިލްތިމާސްކޮށްފައިވެއެވެ.

