ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މާލީގޮތުން ބާރުވެރިކުރުވައި، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ މަޤްޞަދުގައި އެފަރާތްތަކަށް އަމާޒުކޮށްގެން ކޯސްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ ފާތިމަތު ޝަމްމާ ޝަފީޤް ވިދާޅުވި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު މަސައްކަތްކުރާއިރު ފާހަގަކުރެވޭ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސައްކަތަށް ބޭނުންވާ ސަނަދު ނެތުމެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކެއަރ ސޮސައިޓީއާ ގުޅިގެން ޖޮބް ރެޑިނެސް ޕްރޮގްރާމް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ދަށުން އޮފީސް މަސައްކަތާ ގުޅުންހުރި އެކި ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން، ވަޒީފާއަށް ނުކުތުމަށް ތައްޔާރުނުވާ ފަރާތްތަކަށް އިންޓަރންޝިޕްގެ ފުރުސަތުތައްވެސް ފަހިކޮށްދެމުންދާ ކަމަށް ޝަމްމާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޕޮލިޓެކްނިކާ ގުޅިގެން 5 ދާއިރާއަކުން ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް 3 ފެންވަރުގެ 4-6 މަހުގެ ކޯސްތަކާއި، 1-2 މަހުގެ ކުރު މުއްދަތުގެ ކޯސްތައް ހިމެނޭ ކަމަށް ވުޒާރާއިން ހާމަކުރެއްވިއެވެ. "މިހާރު ޕޮލިޓެކްނިކާއެކީ ހުޅުވާލި ފުރުސަތުތަކަކީ މިއަންނަ އަހަރުގެ އިންޓޭކަށް ހުޅުވާލި ކޯސްތަކެއް،" ކަމަށް ޝަމްމާ ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭ އެހީތެރިކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު" އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރިއަށް ގެންދަވަމުންނެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެލަވަންސް 2023 ވަނަ އަހަރު ވަނީ 3000 ރުފިޔާއަށް އިތުރުކުރައްވާފައެވެ.

