މީޑިއާ ބިލް އަނބުރާ ނަގަންޖެހޭ ސަބަބެއްނެތްކަމަށާއި ބިލުދިރާސާކޮށް އިސްލާހު ހުށަހެޅިދާނެ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިފަދައިން ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ.
އުޝާމް ވިދާޅުވީ، މީޑިއާ ރެގިއުލޭޓް ކުރުމަށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި އުޝާމް ވިދާޅުވީ މީޑިއާބިލުގައި މީޑިއާއަށް ހަރުކަށި ފިޔަވަޅުތަކެއް ހުރިކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އުޝާމް އިތުރަށް ވިދާޅުވި ގޮތުގައި، ކަމާ ގުޅުންހުރި އިދާރާތަކުގެ މަޝްވަރާއަށްފަހު، ބަންޑާރަ ނައިބުގެ އޮފީހުން މިފަދަ ބިލެއްގެ މަސައްކަތް ފަށައި، ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.
އުޝާމް ވިދާޅުވީ ހަންނާންގެ ފުރަތަމަ ބިލް މިދިޔަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އިތުރަށް މަޝްވަރާކުރުމަށް ބަންޑާރަ ނައިބްގެ އޮފީހުން ބޭނުންވެގެން ބިލު މަޖިލީހުން ބޭރުކޮށްލީ ކަމަށެވެ.
ނަމަވެސް އެ ބިލާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން ދަނިކޮށް އެފަދަ ބިލެއް އަލުން މަޖިލީހަށް ހަންނާން ހުށަހެޅުއްވީ އެ މަސައްކަތް އެއްކޮށް ނުނިމޭނީސް ކަމަށް އުޝާމް ވިދާޅުވިއެވެ.

