މާލޭގައި ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ހައްޔަރު ކުރި މީހާގެ ވަނަވަރު ފުލުހުން މިއަދު އާއްމުކޮށްފިއެވެ.
ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ޅ. ހިންނަވަރު، ކަފިދޫގެ، އުމުރުން 23 އަހަރުގެ ހާރޫން ޖައިލަމްއެވެ.
މި އޮޕަރޭޝަނުގައި ދެ ސައިކަލާއި އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވެއެވެ. އަދި ބަލައިފާސްކުރިއިރު އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި ލައްކައަކަށްވުރެ ގިނަ ފައިސާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ބަލައިފާސްކުރި ދެ ސައިކަލް ވަނީ ޓޯވކޮށްފައެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވާ ހާރޫން ޖައިލަމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގުކުރަމުންނެވެ.

