ބައެއް ނޫސްވެރިން އުލުބައިންދަން ޖެހޭ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު އިބްރާހިމް ފަލާހް ގޮވާލެއްވި މައްސަލަ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ފުލުހަށް ހުށަހަޅައިފިއެވެ.
މިއަހަރުގެ ދެވަނަ ދައުރު ނިންމައި، ޗުއްޓީގައި އޮތް މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި އިއްޔެ ޖަލްސާގައި “މީޑީއާ ކޮންޓްރޯލްކުރާ ބިލް” ގެ ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ އެއީ މުހިއްމު ބިލެއް ކަމަށާއި އެއީ މީޑިއާގައި މަސައްކަތްކުރާ އެއްވެސް ފަރާތަކަށް ހުރަހެއް އޮތް ބިލެއް ނޫން ކަމަށެެވެ.
އެމްޖޭއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިނުވުން ހިމެނޭ އިރު، ފަލާހް ދެއްކެވި ވާހަކަތަކަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެފައިވެއެވެ.
އެމްޖޭއޭއިން ވަނީ ފަލާހްގެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އަޅައިދޭން ފުލުހުންގެ ޚިދުމަތުގައި އެދިފައެވެ.
މިއީ މުޖުތަމައުގެ އަމަންއަމާންކަން ގެއްލި ގައުމު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިގެންދާނެ ފަދަ ވާހަކަތަކަކެއް ކަމަށާއި، އެހެންކަމުން ބައެއްގެ މައްޗަށް އަނިޔާވެރިވެ އެ މީހުން މެރުމަށް ފަލާހު ގޮވާލެއްވި މައްސަލަ ބަލާ ތަހުގީގުކޮށް އޭނާގެ މައްޗަށް ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް އެމްޖޭއޭ އިން ވަނީ ބުނެފައެވެ.
މަޖިލީހުގެ ތަޅުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ބައެއްގެ މައްޗަށް އަނިޔާވެރިވުމަށް ފަލާހު ގޮވާލެއްވި މައްސަލާގައި ޕީއެންސީން އޭނާއާ މެދު އަހުލާގީ ފިޔަވަޅު އެޅުމަށް ވެސް އެމްޖޭއޭ އިން ވަނީ ގޮވާލައިފަ އެވެ. އަދި އާންމުކޮށް އެނގޭނެހެން އެ ވާހަކަތަކަށް މާފަށް އެދުމަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

