މީޑިއާތައް ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގެ މައްސަލައިގައި ބަންޑާރަ ނާއިބު އަހްމަދު އުޝާމް ހަގީގަތް އޮޅުވައިލައްވަނީކަމަށް ބުނެ، ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ހުރިހާ ނޫސްވެރިން އެ ބައްދަލުވުމުން ނިކުމެއްޖެއެވެ.
ސަރުކާރާ ގުޅުން ބޮޑު، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލަކީ ނޫސްވެރިންގެ ޚިޔާލު ލިބިގެން ހުށަހަޅުއްވާފައިވާ ބިލެއް ކަމަށް އުޝާމް ވިދާޅުވާތީ ނޫސްވެރިން ވަނީ އެކަމާ އިއުތިރާޒުކޮށްފައެވެ.
އެ ބައްދަލުވުމުގައި އުޝާމް ވަނީ މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހަޅުއްވާފައިވާ މީޑިއާތައް ކޮންޓްރޯލް ކުރާ ބިލު ބޭރުކުރަން ނުވަތަ އެ ބިލު އަނބުރާ ގެންދަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އުޝާމް ވިދާޅުވީ، ބަންޑާރަނައިބުގެ އޮފީހަށް 2022ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މީޑިއާ ކައުންސިލުން ފޮނުވާފައި އޮތް ބިލެއްގެ ޑްރާފްޓެއް އެބައޮތް ކަމަށާއި، އެ ބިލާއި މިހާރު ހުށަހަޅާފައި އޮތް ބިލާ މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ.

