ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަން ނިންމާފައިވާ އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް)ގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ބައްދަލުވުމެއް ބާއްވައިފި އެވެ.
އެފެކްސްގެ ބޭނުމަކީ ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ. އެ ހަރަކާތް މި އަހަރު ބާއްވަން ނިންމާފައިވަނީ 8 ސެޕްޓެމްބަރު 2025ގައެވެ. ހަރަކާތުގެ ޕާޓްނަރު އެއާލައިނަކީ ގަތަރު އެއާވޭސްއެވެ.
ހުޅުލެ އައިލެންޑް ހޮޓެލްގައި މިއަދު ބޭއްވި ހާއްސަ ބައްދަލުވުން ޝަރަފުވެރި ކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ. ބައްދަލުވުމުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފުގެ އިތުރުން އެމްއޭސީއެލްގެ އެކްސްކޯ އަދި ސީނިއާ މެނޭޖުމަންޓުގެ ބޭފުޅުންނާއި އެފެކްސްގެ ޕާޓްނަރު އެޖެންސީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސީއީއޯ ޝަރީފު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޓްކުރާ ކުންފުނީގެ ހައިސިއްޔަތުން އެއާޕޯޓް ބޭނުންކުރާ ފަސިންޖަރުންނާއި އެއާލައިންތަކާއި އަދި އެއާޕޯޓުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެމްއޭސީއެލްގެ އެންމެ އިސް ވާޖިބު ކަމަށެވެ.
އެފެކްސްގެ ޕްލޭނިންގައި ހުރިހާ އިދާރާއަކާއި މުއައްސަސާއަކުން ދެއްވި އެއްބާރުލުން ފާހަގަކުރައްވައި ސީއީއޯ ޝަރީފު ވިދާޅުވީ، ހުރިހާ އިދާރާއަކާއި މުއައްސަސާތަކުން ދެއްވަމުން އަންނަ އެއްބާރުލުމާއި އެހީތެރިކަމަކީ އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމެއް ކަމަށެވެ.
"ފާއިތުވެދިޔަ ތަނުގެ ތަޖުރިބާތަކުގެ އަލީގައި މި އަހަރުގެ އެފެކްސް ކުރިއަށްވުރެ ފުރިހަމައަށް ގެންދެވޭނެކަމާމެދު ޝައްކެއް ނެތް. އަޅުގަނޑުމެންގެ ކޮންމެ ސްޓޭކްހޯލްޑަރަކީ ކޮން ޒިންމާތަކެއް އަދާކުރާ ބައެއްކަން މި އަހަރުގެ އެފެކްސް އިން އަމަލީ ގޮތުން ދައްކަންޖެހޭ. އަދި ކޮމާންޑް އެންޑް ކޮންޓްރޯލް ނުގެއްލޭ ގޮތަށް މިކަން ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް،"
މިއަދުގެ ބައްދަލުވުމުގައި އެފެކްސްގެ ޕާޓްނަރު އެޖެންސީތަކުގެ ތެރެއިން މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސަސް (އެމްނެޓްސް)، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، މޯލްޑިވްސް ޕޮލިސް ސާވިސް، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)، އެއާލައިން އޮޕަރޭޓާސް ކޮމިޓީ، މޯލްޑިވްސް އިމިގްރޭޝަން، ހެލްތް މިނިސްޓްރީ، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކޮމް)، ޑިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ)، މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރުސީ)، މިނިސްޓްރީ އޮފް ޓޫރިޒަމް، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް، އޭޑީކޭ ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލް ޓީއެމްއޭ، މަންޓާ އެއާ، އައިލެންޑް އޭވިއޭޝަން ސާވިސް އަދި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އިން ބައިވެރިވިއެވެ.
މިއަދުގެ ބައްދަލުވުމުގައި އެއާޕޯޓް އެމަޖެންސީ ޕްލޭނިން ޓީމުގެ ފަރާތުން ވަނީ އެފެކްސްގައި ހާސިލުކުރަން ބޭނުންވާ އަމާޒުތައް ޕާޓްނަރު އެޖެންސީތަކާ ހިއްސާކޮށްފައެވެ. އޭގެ އިތުރުން ގަތަރު އެއާވޭސްގެ ފަރާތުންނާއި މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ އިތުރުން ފުލުހުންނާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކޮމް)ގެ ފަރާތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އެފެކްސް އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ.
ވީއައިއޭގައި އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރު އެވެ. މި އަހަރުގެ އެފެކްސްގައި 33 އިދާރާއަކުން ބައިވެރިވާއިރު، ވޮލަންޓިއަރުންގެ ގޮތުގައި 400 އެއްހާ ފަރާތުން ބައިވެރިވާނެއެވެ.

