“މިޑީއާ ކޮންޓްރޯލް ބިލް” ދިރާސާކުރުމުގެ މަސައްކަތުގެ ތެރެއިން ނޫސްވެރިންގެ ހިޔާލު ހޯދުމަށްޓަކައި އަންނަ ހޯމަ ދުވަހު މަޝްވަރާ ބައްދަލުވުމެއް ބާއްވަން ކަމާ ގުޅޭ ކޮމިޓީން މިއަދު ނިންމައިފިއެވެ.
”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން“ ގެ ނަމުގައި ހުށަހަޅާފައިވާ މި ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން ދަނީ މަޖިލީހުގެ މިނިވަން މުވައްސަސާތަކައި ބެހޭ ކޮމިޓީންނެވެ.
ނޫސްވެރިންގެ ހިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުން ހޯމަ ދުވަހުގެ ހެނދުނު 11 ޖަހާއިރު ބާއްވަން އެ ކޮމިޓީން ވަނީ ނިންމައިފައެވެ.
މަޖިލިހުގެ އިދާރާ އިން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، އެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ރަޖިސްޓަރީ ކޮށްގެން ހިންގާ މީޑިއާތަކަށް ކަމަށާއި، ބައްދަލުވުމަށް ހާޒިރުވުމަށް ރަޖިސްޓްރޭޝަން ފޯމެއް ފުރަންޖެހެއެެވެ. ރަޖިސްޓްރޭޝަން ފޯމު ފުރުމުގެ ސުންގަޑިއަކީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10 އެވެ.
ބިލުގެ މަސައްކަތުގެ ތެރެއިން ޔޫތް އެންޑް އިންފޯމޭޝަން މިނިސްޓްރީ، ބްރޯޑްކާސްޓިން ކޮމިޝަންއާއި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ވެސް ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ބިލާއި ގުޅޭގޮތުން ދާދިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުގެ އެއްވެސް ކޮންޓްރޯލެއް މީޑިއާއަށް އޮތުމަށް އެމަނިކުފާނު ބޭނުންފުޅު ނުވާކަމަށެވެ.

