ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ މަޝްރޫޢުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން 1200 އަށްވުރެ ގިނަ ފަރާތަށް ރަޖިސްޓްރީ ދޫކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން (އެލްޔޫޕީ) އަށް ގެނެވުނު ބަދަލާ ގުޅިގެން ގުރުއަތު ނެގުމަށްފަހު، ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 1260 ފަރާތަށް ރަޖިސްޓްރީ ދޫކޮށްފައިވާ ކަމަށެވެ.
ކުރީ ސަރުކާރުން ގުޅީފަޅުން 150 ހެކްޓަރުގެ ބިން ހިއްކައި، މާލޭ ރައްޔިތުންނަށް ގޯތި ދީ ރަޖިސްޓްރީ ހަވާލުކޮށްފައި ވަނިކޮށް، މި ސަރުކާރުން ވަނީ އެތަނުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް ގޯތި ލިބޭ ތަންތަން އަލުން ކަނޑައަޅާފައެވެ.
ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އަލުން ކުރިއަށްގެންދިއުމަށް ނިންމާފައި ވަނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި އޭގެސަބަބުން، ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައް ބަދަލުވެފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

