އަތޮޅުތެރޭގައި އިސްރަށްވެހިންގެ ނާދީތައް ޤާއިމްކޮށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ބިނާކުރުމުގެ ފުރަތަމަ ބެޗްގެ ތަމްރީނު ފަށައިފިއެވެ.
މިއީ އަތޮޅުތެރޭގައި އިސްރަށްވެހިންގެ ނާދީތައް ޤާއިމްކޮށް ޚިދުމަތް ފޯރުކޮށްދިނުމުގައި އަމަލީގޮތުން މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާނެ ހުނަރުތަކާއި މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދެވޭ ތަމްރީން ޕްރޮގްރާމެކެވެ. ޖުމްލަ 12 ބައިވެރިންނާ އެކު ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމަކީ 4 ސެޝަނަކަށް ބަހާލެވިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ތަމްރީން ޕްރޮގްރާމުގެ ފުރަތަމަ ސެޝަންގައި އިސްރަށްވެހިންނާ މުޢާމަލާތްކުރާނެ ގޮތްތަކާއި، އިސްރަށްވެހިންގެ ނާދީގައި ހަރަކާތްތައް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމަށް ރަށުގައި ޤާއިމްކުރެވިފައިވާ މުއައްސަސާތަކާ މުޢާމަލާތުކޮށް އެކުވެރިކަން ބަދަހިކުރާނެ ގޮތްތަކާއި ގުޅޭ މަޢުލޫމާތު ވަނީ ބައިވެރިންނާ ހިއްސާކޮށްފައެވެ. އަދި، އިސްރަށްވެހިން ހަރަކާތްތަކުގައި ޝާމިލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ މަޢުލޫމާވެސް ވަނީ ބައިވެރިންނާ ހިއްސާކޮށްފައެވެ.
“އިސްރަށްވެހިންގެ ނާދީ އެރަށެއްގައި ބިނާވެފައި ހުރުން ނުވަތަ ޤާއިމުވެފައި ހުރުމުގެ މުހިންމުކަމާއި، އިސްރަށްވެހިންގެ ނާދީގެ މަސައްކަތްތަކާއި، ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭނެ ކަންތައްތައް ފުރަތަމަ ސެޝަން އިންވެސް ދަސްވި. އުންމީދަކީ ތަމްރީން ޕްރޮގްރާމުން ދަސްވި ކަންކަން ބޭނުންކޮށްގެން ރަށުގައި އިސްރަށްވެހިންގެ ނާދީއެއް ޤާއިމުކުރެވުމުން، އެބޭފުޅުންނަށް އެތަނުން އެންމެ ފުރިހަމައަށް ޚިދުމަތްތައް ފޯރުކޮށްދިނުން.” ތަމްރީން ޕްރޮގްރާމުގެ ބައިވެރިއަކު ވިދާޅުވިއެވެ.
އިސްރަށްވެހިންގެ ނަފްސާނީ، ޖިސްމާނީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި، ރާވައިގެން ހަރަކާތްތައް ހިންގޭނެ ނާދީތައް ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅު ފުއްދުމުގެ ގޮތުން، އިސްރަށްވެހިންގެ ނާދީތައް ޤާއިމްކޮށް ޚިދުމަތް ފޯރުކޮށްދިނުމަށް ކައުންސިލްތަކާ ގުޅިގެން މިވުޒާރާރިން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ.

