ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު މަޖިލީހުގެ ތަޅުމުގައި ދައްކާފައިވާ ވާހަކައަކާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައަކަށް އެދިއްޖެއެވެ.
މީޑިއާ ކޮންޓްރޯލްކުރާ ބިލަށް ބަހުސްކުރައްވަމުން ފަލާހް ވަނީ "ނޫސްވެރިން އުލުބައިންދަންވީ" "އަނިޔާވެރި ގޮތުގައި މަރުގެ އަދަބު ދޭންޖެހޭ" ކަމަށް ވިދާޅުވެފައެވެ.
ފުލުހުން މިރޭ ބުނީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހުށަހެޅި މައްސަލަ ތަހުގީގު ކުރުމާ މެދު ޕީޖީގެ ލަފާއަށް އެދިފައިވާ ކަމަށެވެ.
ފަލާހު ދެއްކެވި ވާހަކަ ތަހުގީގު ކުރަން ފުލުހަށް ހުށަހެޅީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުންނެވެ.
އިއްޔެ ވެސް ނޫސްވެރިން ވަނީ "މީޑިއާ ކޮންޓްރޯލް" ބިލާ ގުޅިގެން އިހުތިޖާޖުކުރަން ރައީސް އޮފީސް ސަރަހައްދަށް އެއްވެފައެވެ.
އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އެއްވެސް މީހަކަށް އަނިޔާވެރިނުވުން ހިމެނޭއިރު، ފަލާހް ދެއްކެވި ވާހަކައަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކައެއް ކަމަށެވެ.

