އިންޖިނޭރުން ޤައުމަށް ކޮށްދެއްވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑް ސަރުކާރުން ދެއްވަން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު އިޢުލާނު ކުރެއްވީ، ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
ރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް އޮގަސްޓު 30 ހަމަޖައްސަވާފައިވަނީ، ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު 2018 ވަނަ އަހަރުގެ އޮގަސްޓު 30 ގައި އިފްތިތާހުކުރެވުނު ދުވަހާ ގުޅުވައިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވި ގޮތުގައި، ސިނަމާލެ ބުރިޖު ހުޅުވިތާ މިއަދަށް 7 އަހަރު ފުރޭއިރު، މި ބުރިޖުގެ ސަބަބުން ދިވެހީންގެ ދިރިއުޅުމަށާއި، އިޤްތިޞާދަށް، އަދި އިޖްތިމާޢީ ހުރިހާ ޚިދުމަތަކަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ.
އަދި 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ ލަނޑުދަނޑިއާއި، ޑިޖިޓަލް ރާއްޖެއެއްގެ އަމާޒަށް ވާޞިލުވުމަށާއި، އިޢާދަކުރަނިވި ހަކަތައިގެ ރޮނގުން ކަނޑައަޅާފައިވާ އަމާޒަށް ވާޞިލުވުމަށް އެކި ދާއިރާތަކުގެ އިންޖިނޭރުންގެ ޢިލްމާއި، ތަޖުރިބާއާއި، އެހީތެރިކަން ބޭނުންވާކަން ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
އިންޖިނޭރުންގެ ޤައުމީ އެވޯޑްގެ އިތުރުން، އިންޖިނޭރުންގެ ޢިލްމީ ދިރާސާތަކަށް ފުރުޞަތު ފަހިކޮށްދިނުމާއި، އެކި ދާއިރާތަކުން އިންޖިނޭރުކަން ކިޔަވައިދީ ތަމްރީނު ދިނުމަށް ސަރުކާރުން ދޭ ސަމާލުކަން އިތުރުކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި ދިވެހި ކާބަފައިންނަކީ މާޒީގައިވެސް ފަންނުވެރި ހުނަރުވެރި ފާޑުވެރި ބައެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްޤީ ނެގެހެއްޓުމުގައި ދިވެހި އިންޖިނޭރުން އަދާކުރައްވާފައިވާ ޤައުމީ ވާޖިބަށް ސާބަހާއި ތާޢުރީފު ރައްދުކުރައްވާފައިވެއެވެ.

