އިއްޔެ ހެނދުނުގެ ވަގުތެއްގައި ސިންގަޕޫރުގައި، އުމުރުފުޅުން 78 އަހަރުގައި އަވަހާރަވި، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ޖަނާޒާގެ ކަންތައް ސިންގަޕޫރުގައި މިއަދު ކުރިއަށްދާއިރު، ރާއްޖޭގައި ޣައިބު ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ހާމަކޮށްފިއެވެ.
ސިންގަޕޫރުގައި އެމްޔޫ މަނިކުގެ ކަށުނަމާދު އޮންނާނީ މިއަދު ޢަޞުރު ނަމާދަށްފަހު މަސްޖިދުލް ޕްސާރާ އަމަންގައެވެ. އަދި ރާއްޖޭގައި ޣައިބު ކަށުނަމާދު އޮންނާނީ ހަމަ އެވަގުތު، މާލޭ އިސްލާމީ މަރުކަޒުގައެވެ.
އެމްޔޫ މަނިކަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން 1982 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.
އެމަނިކުފާނުގެ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމުވެސް ވަނީ ލިބިވަޑައިގެންފައެވެ. އަދި 2011 ވަނަ އަހަރު ދިވެހި ދައުލަތަށާއި ޤައުމާއި ރައްޔިތުންނަށް ކޮށްދެއްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވައި، ދިވެހި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) އެމަނިކުފާނަށް ވަނީ އަރުވާފައެވެ.
އެމްޔޫ މަނިކު އަވަހާރަވީ ޞިއްޙީ ޙާލަތު ދެރަވެގެން ފަރުވާ ދެމުންދަނިކޮށެވެ. އިންނަ ހުރިހާ ވަގުތެއްގައިވެސް އެމަނިކުފާނުގެ ފަރާތުން ޤައުމަށް ލިބިފައިވާ ޚިދުމަތްތައް ފާހަގަކޮށް، ގިނަ ބަޔަކު ދަނީ އެމަނިކުފާނުގެ ހިތްހެޔޮކަމާއި ވަފާތެރިކަން ހަނދާންކުރަމުންނެވެ.

