ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ވަޑައިގަތުމުން، އެޤައުމުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް ވަޑައިގެންނެވި މި ދަތުރުފުޅުގައި، ބެއިޖިންގ ކެޕިޓަލް އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޗައިނާގެ މިނިސްޓަރ އޮފް އެމަރޖެންސީ މެނޭޖްމަންޓް، ވާންގ ޒިޔާންގޒީއެވެ. މި ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބްއާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝަންގހުވާ ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވުމުގެ ގޮތުން އޮނަރގާޑެއް އެރުވުމާއެކު، ސަޤާފީ ޙަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި އެހެނިހެން ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، އެސް.ސީ.އޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާއި، އިޤްތިޞާދީ ގޮންޖެހުންތަކާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަޤުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެސް.ސީ.އޯ ޕްލަސް ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާނެއް އިއްވެވުމަށްވެސް ހަމަޖެހިފައިވެއެވެ.
އެސް.ސީ.އޯ އަކީ 2001 ވަނަ އަހަރު އުފެދުނު، ޔޫރޭޝިޔާ ސަރަޙައްދުގެ ސިޔާސީ، އިޤްތިޞާދީ އަދި ދިފާޢީ ކަންކަމަށް އަމާޒުކޮށްގެން މަސައްކަތްކުރާ ސަރަޙައްދީ ޖަމުޢިއްޔާއެކެވެ. ޖިއޯގްރަފީ އާއި އާބާދީގެ ނިސްބަތުން ދުނިޔޭގެ އެންމެ ބޮޑު ސަރަޙައްދީ ޖަމުޢިއްޔާ ކަމުގައިވާ އެސް.ސީ.އޯ ގައި މިހާރު 10 މެންބަރު ޤައުމު ހިމެނޭއިރު، ދިވެހިރާއްޖެއަކީ މި ޖަމުޢިއްޔާގެ ޑަޔަލޮގް ޕާޓްނަރެކެވެ.

