ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީ، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މުޙައްމަދު އުމަރު މަނިކު އަވަހާރަވުމާ ގުޅިގެން، ޤައުމީ ފެންވަރުގައި، ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތް ތެރެއިންނާއި، ކުރީގެ ރައީސުންނާއި ސިޔާސީ ވެރިން ތަޢުޒިޔާ ވިދާޅުވެއްޖެެއެވެ.
އެމްޔޫ މަނިކު އަވަހާރަވީ ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އުމުރުފުޅުން 78 އަހަރުގައެވެ.
އެމްޔޫ މަނިކު އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެފައިވަނީ، މިއީ ނުހަނު ފުން ހިތާމައެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކުރެއްވުމަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރައްވާފައިވެއެވެ.
ކުރީގެ ރައީސުންކަމުގައިވާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، އިބްރާހިމް މުޙައްމަދު ޞާލިޙް އަދި މުޙައްމަދު ނަޝީދު ވެސް ވަނީ އެމްޔޫ މަނިކުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައެވެ.
- ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކޮށް، އެ ސިނާއަތު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު އުމަރު މަނިކު އަވަހާރަވި ޚަބަރު އެހީ ފުން ހިތާމަޔާއި އެކުގައެވެ. މާތްﷲ މަރްޙޫމްގެ ފުރާނަ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި! آمين
- ރައީސް ނަޝީދު ވިދާޅުވީ މިއަދުގެ ދިވެހިރާއްޖެ މިގޮތަށް ބައްޓަން ކޮށް ބިނާކުރުމުގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ އުމަރު މަނިކު ކަމަށެވެ.
- ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ އުމަރު މަނިކަކީ ފަތުރުވެރިކަމުގެ އިތުރުން ދައުލަތަށް 19 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި އަދި ޞިއްޙީ އަދި ތަޢުލީމީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށެވެ. އަޅުގަނޑުގެ ދުޢާ އަކީ މާތް الله ޢާއިލާއަށް ކެތްތެރިކަން ދެެއްވާ މަރްޙޫމް މުޙައްމަދު ޢުމަރު މަނިކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމެވެ.
- އޮނަރަބަލް ޤާސިމް އިބްރާހިމް ވިދާޅުވެފައިވަނީ މިއީ މުޅި ރާއްޖެއަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ގެއްލުމެއް ކަމުގައެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ގިނަ ބޭފުޅުންނާއި ވަޒީރުންވެސް ވަނީ އެމްޔޫ މަނިކު އަވަހާރަވުމާ ގުޅިގެން ތަޢުޒިޔާ ފާޅުކުރައްވާފައެވެ. އަދި އެމަނިކުފާނަކީ ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާއަށްވެސް ނުހަނު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކޮށްފައިވެއެވެ.
- ޢަބްދުﷲ ޚަލީލް ވިދާޅުވީ އުމަރު މަނިކަކީ 1970 ގެ އަހަރުތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގާ އެޅުއްވި ބޭފުޅެއްކަމަށެވެ.
- މުޙައްމަދު އަމީން ވިދާޅުވީ އުމަރު މަނިކަކީ ފަތުރުވެރިކަމުގެ އިތުރުން އައިލެންޑް އޭވިއޭޝަން ސަރވިސަސް އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ޗެއަރމަންކަން ކުރައްވައި، ޔޫރަޕާއި ދިވެހިރާއްޖެއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ތަޢާރަފުކުރެއްވުމުގައި އަގުހުރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށެވެ.
އެމްޔޫ މަނިކު އަވަހާރަވީ ސިއްޙީ ޙާލުކޮޅު ދެރަވެ، ފަރުވާދެމުންދަނިކޮށް ސިންގަޕޫރުގައި، ރޭގެ ވަގުތެއްގައެވެ. ޖަނާޒާ ބޭއްވުމަށް ހަމަޖެހިފަވަނީ މިއަދު އަސުރު، ސިންގަޕޫރުގައެވެ. އަވަހާރަވި އުމުރުފުޅުން 78 އަހަރުފުޅުގައެވެ. މުޙައްމަދު އުމަރު މަނިކުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރުގައެވެ. ޖަނާޒާ އޮންނާނީ އަސުރު ނަމާދަށްފަހު މަސްޖިދް ޕްސާރާ އަމަންގައެވެ.

