ސްކޭޓް މޯލްޑިވްސްއިން އިންތިޒާމުކުރާ 4 ވަނަ ދިރާގު އިންޓަނޭޝަނަލް އިންލައިން ސްޕީޑް ސްކޭޓިންގ ޗެމްޕިއަންޝިޕް މިމަހުގެ 4 އިން 6 އަށް މާލެ އާއި ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މުބާރާތާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން، ސްކޭޓް މޯލްޑިވްސްގެ ރައީސް މުޙައްމަދު ހާނިމް ވިދާޅުވި ގޮތުގައި މި މުބާރާތުގައި އިންޑިއާ، ސްރީލަންކާ އަދި ނޭޕާލުން ބައިވެރިވާގޮތަށް ހަމަޖެހުނު ނަމަވެސް، މިހާތަނަށް ބައިވެރިވުމުގެ ޔަގީންކަން ލިބިފައިވަނީ ހަމައެކަނި ނޭޕާލުގެ ޓީމުގެ ފަރާތުންނެވެ.
ނޭޕާލުން އަށް އެތުލީޓުންނާއި ދެ އޮފިޝަލުން ސެޕްޓެމްބަރު 3 ވަނަ ދުވަހު ރާއްޖެ އަންނާނެކަން ކަށަވަރުވެފައިވާއިރު، “ނޭޕާލުގެ އަށް ދުއްވުންތެރިންގެ އުމުރުފުރާތައް ބަހާލެވިފައިވަނީ މުބާރާތުގެ ނުވަ އުމުރުފުރާގެ ތެރެއިން ހަތް އުމުރުފުރާއަކަށް” ކަމަށް ހާނިމް ވިދާޅުވިއެވެ.
މިއަހަރުގެ މުބާރާތުގައި 5 އަހަރުންދަށުގެ އުމުރުފުރާއިން ފެށިގެން މާސްޓާރސް ކެޓެގަރީއާ ހަމައަށް، ޖުމްލަ 9 އުމުރުފުރާއެއްގައި އަންހެން އަދި ފިރިހެން ދުއްވުންތެރިން ވާދަކުރާނެއެވެ. ތިން ދުވަހުގެ މި މުބާރާތް ފެށޭނީ ބުރާސްފަތި ދުވަހު ހުޅުމާލެއިން ކަމަށްވާއިރު، ހުކުރު ދުވަހުގެ ހެނދުނު ދަންފަޅި ހުޅުމާލޭގައި ބޭއްވުމަށްފަހު، އެދުވަހުގެ ހަވީރު އޯޕަނިންގ ސެރެމަނީއާއެކު މުބާރާތް ކުރިއަށްދާނީ މާލޭ އުސްފަސްގަނޑުގައެވެ.
މުބާރާތުގެ އެންމެހާ ތައްޔާރީތައް، އޭގެ ތެރޭގައި ވެނިއު، ޓްރާންސްޕޯޓް، މެޑިކަލް އަދި އެހެނިހެން އިންތިޒާމުތައް މިހާރުވަނީ ފުރިހަމަކުރެވިފައެވެ. ފާއިތުވި އަހަރު ބޭއްވުނު މުބާރާތުގައި 10 ކެޓެގަރީއަކުން 79 ސްކޭޓަރުން ވާދަކޮށްފައިވާކަން ފާހަގަކުރެވެއެވެ.

