ގދ. ފިޔޯރީ ބަނދަރު އަޕްގްރޭޑް ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ކުއޭ ވޯލް ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް ނިމިއްޖެއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުއެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، 38.9 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން މި މަހުގެ 26 ގެ ނިޔަލަށް ކުއޭ ވޯލް ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ކުއޭ ވޯލް ކެޕިން ބީމްގެ މަސައްކަތެވެ.
މި މަޝްރޫޢުގެ ދަށުން ކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 26,750 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރ ބޭސިން ފުންކުރުމާއި، 18,300 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން ހިމެނެއެވެ. އަދި 155 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 281 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 166 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުން ހިމެނެއެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން 760 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމާއި، މޫރިން ބޮއެ ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެއެވެ. މި މަސައްކަތުގެ 33 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫޢު ނިމުމުން ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރެވި، ގިރުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ. އަދި ބަނދަރުގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް ބެލެވެއެވެ.

