ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދިޔަ ވޯކް-އިން އިންޓަވިއުއަށް 100 އަށްވުރެ ގިނަ މީހުން ޙާޟިރުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، ރޭ ކަލާފަނު ސްކޫލްގައި ބޭއްވި އިންޓަވިއުތަކަށް ޙާޟިރުވި ގިނަ ފަރާތްތަކުން ކުރިމަތިލާފައިވަނީ އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ މަޤާމުތަކަށެވެ. އަދި މަޤާމުތަކަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރޭގައި އެންމެ ގިނައީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންކަން ފާހަގަކުރެއްވިއެވެ.
އިންޓަވިއުތަކުގައި ބައިވެރިވާ ފަރާތްތަކުން އައިޑީ ކާޑު، ތަޢުލީމީ ސެޓްފިކެޓް އަދި ސީވީގެ ކޮޕީ ގެންދިއުމުން، ޝަރުތު ހަމަވާ ފަރާތްތަކަށް ވަގުތުން ފޯމު ހުށަހެޅުމާއި އިންޓަވިއު އަދި ޕްރެކްޓިކަލް ޓެސްޓް ހެދުމުގެ ފުރުސަތު ދެވޭކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
މިއަދު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އިތުރު ވޯކް-އިން އިންޓަވިއުތަކެއް ކުރިއަށްދާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން 260 އަށްވުރެ ގިނަ މުވައްޒަފުން ހޯދުމަށް އިޢުލާނުކޮށްފައިވާއިރު، އޮފިސަރުން، ކޮންޓެންޓް ކްރިއޭޓަރުން، ސީނިއަރު އޮފިސަރު، ޑްރައިވަރު، މެއިންޓަނަންސް އޮފިސަރު އަދި ސެކިއުރިޓީ އޮފިސަރުގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން މަސައްކަތު، ލޮޖިސްޓިކް އޮފިސަރ، އެސިސްޓެންޓް މާސްޓަރ ޓްރޭނަރ، ގްރެފިކްސް ޑިޒައިނަރ، ޓެކް އޮފިސަރު، ފޮޓޯގްރާފަރ އަދި އޮފީސް އެސިސްޓެންޓްގެ މަޤާމުތަކަށްވެސް ކުރިމަތިލެވެއެވެ.
މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަހަރުގެ ފެބްރުއަރީ 26 ވާ ބުރާސްފަތި ދުވަހުގެ 15:00 އާ ހަމައަށް ހުޅުވާލާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ދަނީ އަންނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވަމުންނެވެ.

