މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ އެންމެ ފަހު އުންމީދަކީ މިސްކިތެއް ބިނާކުރުން ކަމަށްވާއިރު، އެކަމަށް ހުޅުމާލެއިން ބިމެއް ހަމަޖައްސާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެމްޔޫ މަނިކަކީ ދީނީ، އިޖްތިމާއީ އަދި ތައުލީމީ ކަންތައްތަކާއި މީހުން ބިނާކުރެއްވުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވި ބޭފުޅެއް ކަމަށެވެ. އަދި މިސްކިތްތައް ބިނާކުރެއްވުމާއި މަރާމާތު ކުރެއްވުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅެއްކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"އެމަނިކުފާނު އަވަހާރަވި އާލާސްކަންފުޅާ ގުޅިގެން ސިންގަޕޫރަށް ފުރުއްވުމުގެ ކުރިން ވެސް ހުޅުމާލެ ސަރަހައްދުގައި ބޮޑު މިސްކިތެއް ބިނާކުރެއްވުމަށް ސިޓީއެއް މިނިސްޓްރީ އަށް ފޮނުއްވާފައިވޭ. އެމަނިކުފާނުގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ ވެސް މިސްކިތެއް ބިނާކުރެއްވުން،" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ޚިދުމަތްތައް؛
އެމްޔޫ މަނިކަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ފައްޓަވައިދެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅެއް ކަމަށްވާއިރު، މަޓީގެ ކޯ ފައުންޑަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރައްވާފައިވެއެވެ. އޭނާގެ ޚިދުމަތްތަކުގެ ތެރޭގައި ރާއްޖެއާއި ޔޫރަޕް ގުޅުވުމުގެ މަސައްކަތް ފެށްޓެވުމުގެ ގޮތުން ފުރަތަމަ ފަހަރަށް ޖަރުމަނުގެ ކޮންޑޯ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ތައާރަފުކުރެއްވުން ހިމެނެއެވެ.
އެމްޔޫ މަނިކު އަވަހާރަވެވަޑައިގެންނެވީ އާލާސްކަންފުޅު ބޮޑުވެ، ސިންގަޕޫރުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެނިކޮށް ރޭ ފަތިހުއެވެ. އޭނާގެ ޚިދުމަތްތަކަށް ބަލާއިރު، 1982 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު އަދި މިނިވަން 25ގެ އާންމު ޚިދުމަތުގެ އިނާމު ލިބިވަޑައިގެންފައިވެއެވެ.

