ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެވެރިޔާ އަލްމަރްހޫމް މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވުމާ ގުޅިގެން، އެ މަނިކުފާނުގެ ދީލަތިކަމުން ތަޢުލީމު ހާސިލުކުރެއްވި ޑަބްލިއުއެޗްއޯގެ ކުރީގެ ޑިރެކްޓަރު ޑރ. ހުސައިން ރަޝީދު ވަނީ އެ ބޭފުޅާގެ މަތިވެރި ސިފަތަކުގެ ވާހަކަ ހާމަކުރައްވައިފިއެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި، ވޯލްޑް ހެލްތު އޯގަނައިޒޭޝަންގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އަދި ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ހުސައިން ރަޝީދެވެ.
ތައިލެންޑްގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފުރަތަމަ ޑިގްރީގެ ބާކީ ދެ އަހަރާއި މާސްޓާސް ޑިގްރީއަށް އިތުރު ދޮޅު އަހަރަށް ބޭނުންވި ފައިސާ ހޯއްދެވުމަށް އެތައް ދޮރެއްގައި ޓަކިޖެހި ނަމަވެސް، އެހީތެރިކަމުގެ އަތް ފޯރުކޮށްދެއްވީ އެމްޔޫ މަނިކު އެކަނި ކަމަށެވެ.
“ހަމައެކަނި އެދުމަކީ ވަރަށް އާދައިގެ ނަމަވެސް ވަރަށް ބޮޑު އެދުމެއް. ކިޔެވުން ނިންމައި ގައުމަށް ޚިދުމަތް ކުރުމަށް އެނބުރި ރާއްޖެ އަންނާށޭ. އެއީ އެންމެ ދުވަހަކަށް ވިޔަސް އެންމެ ރަނގަޅޭ،” ޑރ. ހުސައިން ވިދާޅުވިއެވެ.
އުމުރުން 78 އަހަރުގައި އަވަހާރަވި އެމްޔޫ މަނިކަކީ އުމުރުން އެންމެ 24 އަހަރުގައި ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުކުރެއްވުމުގެ އިސް ސަފުގައި ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ މަޓީގެ ކޯ ފައުންޑަރެއްގެ ގޮތުގައި މަސައްކަތްކުރައްވައި، ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ އިނާމުތަކެއް ހާސިލުކުރައްވާފައެވެ.
ޑރ. ހުސައިން ރަޝީދު ވިދާޅުވީ މިއަދު އޭނާއަށް ލިބުނު ކޮންމެ ކާމިޔާބީއެއް ބިނާވެފައިވަނީ، އެމްޔޫ މަނިކުގެ ދީލަތިކަމާއި ދުރުވިސްނުމާއި ގައުމާއި މުޖުތަމަޢުއަށް ޓަކައި ހިލޭ ސާބަހަށް މަސައްކަތް ކުރެއްވުމުގެ އަޒުމުގެ މައްޗަށް ކަމަށެވެ.

