މެލޭޝިއާ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި އެ ގައުމުން ހައްޔަރުކުރި ދިވެހި ޒުވާނާ، އަބްދުﷲ ބާތިން މުހައްމަދު 30 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މިއަދު އޭނާ މެލޭޝިއާގެ ކޯޓަށް ހާޒިރުކުރުމަށްފަހުއެވެ.
އެނގިފައިވާ ގޮތުގައި ބާތިން ހައްޔަރުކޮށްފައިވަނީ އިއްޔެ ހަވީރު، މެލޭޝިއާގެ ކޯޓު އަމުރަކާ ގުޅިގެން، އޭނާ ސައިކަލެއްގައި މަގުމަތިން ދަނިކޮށެވެ. ހައްޔަރުކުރި ވަގުތު ފުލުހުންނަށް އެއްބާރުލުން ނުދިން ކަމަށް ވެއެވެ. އަދި ހައްޔަރުކުރުމަށްފަހު ކުރި މަސްތުވާތަކެތީގެ ޓެސްޓުން ނަތީޖާ ވަނީ ނައްސިވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބާތިން ހައްޔަރުކޮށްފައިވަނީ އޭނާގެ އަނބިމީހާއާއި ދަރިންނަށް ބިރުދައްކައި އަނިޔާކުރާ މައްސަލައެއްގައެވެ. މެލޭޝިއާއިން ބާތިން ހައްޔަރުކުރިއިރު، ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން ވެސް އޭނާ ހައްޔަރުކުރުމުގެ އަމުރެއް އޮތްކަން ފާހަގަކުރެވެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މެލޭޝިއާ ފުލުހުންގެ ތަހުގީގާ ގުޅިގެން ބާތިން ހައްޔަރުކޮށްފައިވާއިރު، އޭނާއާ ގުޅޭ ގެވެށި އަނިޔާގެ މައްސަލައެއް ވެސް ތަހުގީގު ކުރަމުން ގެންދެއެވެ.
އިތުރު މައުލޫމާތު ލިބިފައިވާ ގޮތުގައި ބާތިންއާ ގުޅޭ ގެވެށި އަނިޔާގެ ދެ މައްސަލައެއް ދިވެހިރާއްޖޭގައި ތަހުގީގުކުރަމުންދާއިރު، މަސްތުވާތަކެތީގެ މައްސަލައަކާއި ރޭޕްގެ މައްސަލައެއްވެސް މިވަގުތު ދަނީ ތަހުގީގު ކުރެވެމުންނެވެ.

