ރާއްޖެއާއި ޗައިނާގެ އޮތީ ޒަމާންވީ ރަހުމަތްތެރިކަމާއި އެއްގައުމު އަނެއްގައުމަށް އެދޭ ހެޔޮކަމުގެ މައްޗަށް އޮތް ގުޅުމެއް ކަމަށް
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ޗައިނާގެ ޓިއަންޖިންގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމެއްގައެވެ.
ރައީސް، ޗައިނާގެ ރައީސް އާއި ބައްދަލު ކުރައްވާފައިވަނީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޗައިނާއަށް ވަޑައިގެންނެވުމުގެ ތެރެއިންނެވެ.
ޗައިނާގެ ޓިއަންޖިންގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ވަނީ ރައީސް ޑރ. މުއިއްޒަށް މަރުހަބާ ވިދާޅުވެ، ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުން އެކަމަށް ޝުކުރު ދަންނަވައިފައެވެ.
ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދެވަނަ ފަހަރަށް ޗައިނާ އަށް ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އެކަމާ އުފާ ކުރައްވާ ކަމަށެވެ. އަދި ޗައިނާ ރައީސް ޝީ ދެއްވި ހޫނު މަރުހަބާ އަދި މެހްމާންދާރީއަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

