ބަނގުރަލުގެ ދެ މައްސަލައެއްގައި ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ހައްޔަރުކުރީ ސްރީ ލަންކާއަށް ނިސްބަތްވާ ތިން މީހަކާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ.
މައްސަލައިގައި ހައްޔަރުކުރީ ސެނިތް ހެޝަން ވިކްރަމަސިންހަ (29އ) އާއި، ދުލިތު މަޑުސާކާ (39އ) އަދި ޖިނިތަ މަދުރަންގާ ސެނަވިރަތިން (24އ) އެވެ.
ލަންކާ ތިން މީހުން ހައްޔަރުކުރީ، ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ. އެ މީހުން ހައްޔަރުކުރީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.
ހެންވޭރުގެ ގެއަކާއި ސައިކަލެއް ބަލައި ފާސްކުރިއިރު، 19 ފުޅި ބަނގުރަލާއި 12 ދަޅު ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ތިން މީހުން ޑީޕޯޓް ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ޙަވާލުކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.

ބަންގުރާ ގެންގުޅުނު ކަމުގެ ތުޙުމަތުގައި ބަންގްލަދޭޝްގެ މީހާ ހައްޔަރުކުރީ ހުޅުމާލެ ފޭސް އެކަކުންނެވެ.
މައްސަލައިގައި ހައްޔަރުކުރީ އެމްޑީ ޖަހަންގިރު ހޮސައިން، (35އ) އެވެ.
ހުޅުމާލޭގެ ރީތިގަސްމަގުން ބަންގްލަދޭޝް މީހާ ސައިކަލެއްގައި ދަނިކޮށް އޭނާއާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި، ބަލައި ފާސްކުރިއިރު ބަނގުރާކަމަަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 9 ފުޅި ފެނުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

