“މީޑިއާ ކޮންޓްރޯލް ބިލު” ޑްރާފްޓުކުރުމުގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މަޝްވަރާ ކޮށްފައި ނުވާތީ އެ ކޮމިޝަނުން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ މީޑިއާ ރެގިއުލޭޓް ކުރުމަށް ހުށަހަޅާފައިވާ ބިލް ދިރާސާ ކުރުމަށް ބްރޯޑްކޮމް އާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ބްރޯޑްކޮމްގެ ރައީސް ސަފާ ޝަފީގް ވަނީ އެ ބިލް ޑްރާފްޓްކުރުމުގެ މަރުހަލާގައި އެ ކޮމިޝަނާ މަޝްވަރާކޮށްފައި ނުވާ ކަން ހާމަކުރައްވާފައެވެ.
ބްރޯޑްކޮމްގެ ރައީސް ޞަފާ ޝަފީގު ވިދާޅުވީ، މި ބިލު އެކުލަވައިލުމުގައި ދިރާސާކުރަން ޖެހޭ ބައިވަރު ކަންކަން ހުރިކަމަށެވެ. އަދި މިހާރު މި ބިލު އެކުލަވައިލައިފައި އޮތް ގޮތް ބެލުމުން، ޑްރާފްޓުކުރުމުގެ މަރުހަލާގައި، ކަމާ ގުޅޭ އެއްވެސް ފަރާތްތަކާ އެއްވެސް މިންވަރަކަށް މަޝްވަރާކޮށްފައިވާ ކަަމަށް ނުދެކޭ ކަމަށް ވިދާޅުވިއެވެ.
ސަފާ ވިދާޅުވީ މީޑިއާތައް ރެގިއުލޭޓްކޮށް ފިޔަވަޅު އެޅޭ ގޮތްތައް ގާނޫނެއްގައި ކަނޑައަޅާއިރު، ގައުމީ ފެންވަރުގެ ދިރާސާއެއް ކުރެވެން ޖެހޭނެ ކަމަށެވެ. ބިލު އޮތީ ހުރިހާ ބާވަތެއްގެ މީޑިއާއަކަށް ވެސް ހިނގާ ގޮތަށް ކަމަށްވާތީ، މިކަމުގައި އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ބެލުމަށް ދިރާސާއެއް ހެދުމަކީ ނުހަނު މުހިންމު ކަމެއްކަމަށް ސަފާ ވިދާޅުވިއެވެ.
މީޑިއާގެ މިނިވަންކަން ހަނިކުރަން މަޖިލިހަށް ހުށައެޅީ ސަރުކާރަށް ތާއިދުކުރާ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުއްހަންނާން އަބޫބަކުރުއެވެ.
އެ ބިލާއި ދެކޮޅަށް ނޫސްވެރިން އަޑު އުފުލަމުންދަނިކޮށް ސަރުކާރު ހިންގާ ޕީއެންސީ މިއަދު ވަނީ އެބިލު މަޖިލިހަށް ބަލައިގަނެފައެވެ. ބިލް ބަލައިގަތީ ޕީއެންސީގެ 49 މެމްބަރުންގެ ވޯޓުންނެވެ. ބިލާއި ދެކޮޅަށް ވޯޓް ދެއްވީ އިދިކޮޅު 12 މެމްބަރުންނެވެ.

