ފުވައްމުލައް ސިޓީއަށް މިފްކޯގެ ސީއީއޯ، ފަރްހަތު ޝަހީރު ކުރެއްވި ދަތުރުފުޅުގައި، ރައްޔިތުންނަށް ވައުދުވީފަދައިން، އެ ކުންފުނިން އެ ސިޓީގެ ބަނދަރުން މަސް ގަންނަން ފަށައިފިއެވެ.
މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މަހު އެ ކުންފުނީގެ ސީއީއޯ ފަރުހަތު ޝަހީރު ފުވައްމުލައް ސިޓީ ކައުންސިލާ ބައްދަލު ކުރައްވައި އެ ސިޓީން މަސް ގަންނާނެ ކަމަށް ވައުދުވެވަޑައިގެންނެވި ގޮތަށް މިފްކޯގެ ބޯޓެއް މިދިޔަ ބުރާސްފަތި ދުވަހު ފުވައްމުލަކަށް ބަނދަރުކުރި ކަމަށެވެ.
އަދި އެ ސިޓީން އިއްޔެ މަސްގަންނަން ފަށާފައިވާ ކަމަށް މިފްކޯ އިން ވަނީ ބުނެފައެވެ.
ފުވައްމުލައް ސިޓީ ބަނދަރުން މަސްގަތުމަށްޓަކައި މިފްކޯގެ “ރަނދި 19” ބޯޓު ބަނދަރުކޮށްފައިވާ އިރު މި ބޯޓަކީ 36 މެޓްރިކްޓަނުގެ މަސްކިރުވައި ރައްކާކުރެވޭ ޖާގައިގެ ބޯޓެެކެވެ.
މިފްކޯއިން ބުނީ މީގެ ފަހުން ފުވައްމުލަކުން ދާއިމީކޮށް މަސްގަތުމުގެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށެވެ.
މީގެ އިތުރުން ފުވައްމުލައް ސިޓީގައި ގާއިމްކުރާ މަސް ޕްރޮސެސްކުރާ މަރުކަޒުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާ އެ ތަން އޮޕަރޭޝަނަށް ގެންނާނެ ކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ.
މިފްކޯ އިން ފުވައްމުލަކުން މަސް ގަންނަން ފެށި އިރު، އައްޑޫން ގަންނަ މަސް ހުވަދުއަށް ނުގެންގޮސް ސީދާ އައްޑޫން ބޭރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭ ފަށަން ވެސް ނިންމާފައިވ އެވެ. އަދި އައްޑޫގައި މަހަށް ވެލިއު އެޑްކުރުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭ ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް މިފްކޯ އިން ބުންޏެވެ.

