ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 153.9 މިލިއަން ރުފިޔާގެ ބިމެއް ހުޅުމާލެއިން ގަނެފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ހުޅުމާލެ 2 ގައި އޮތް އެ ބިމުގެ މިލްކުވެރިކަން ބީއެމްއެލް އަށް ބަދަލުކުރީ އެ ބޭންކުގެ ނަމުގައި ހުޅުމާލެ 1 ގައި އޮތް ބިމަކާ ލާޖައްސައިގެންނެވެ. އެ ދެ ބިމަކީ ވެސް 15،800 އަކަފޫޓުގެ ދެ ބިމެވެ.
އެ މުއާމަލާތާ ގުޅިގެން ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމްގައި ބުނީ، އެ އަދަދަށްވާ ފައިސާ ބީއެމްއެލްއިން ވަނީ އެޗްޑީސިއަށް ދައްކައި ހަލާސްކޮށްފައި ކަމަށެވެ. އަދި މި މުއާމަލާތުގައި ފުރިހަމަވާން ޖެހޭ އެންމެހާ ކަންކަން ފުރިހަަމަވާ ކަމަށް ވެސް އެ ހުކުމްގައި ކަނޑައަޅާފައިވެއެވެ.
ބީއެމްއެލްއިން 153 މިލިއަން ރުފިޔާއަށް ހުޅުމާލޭން ބިމެއް ގަނެފައިވާއިރު، މަރުކަޒީ ބޭންކް އެމްއެމްއޭއިން ވެސް ވަނީ މި ފަހުން ހުޅުމާލޭން ބިމެއް ގަނެފައެވެ. މިދިޔަ އަހަރު އެމްއެމްއޭއިން ހުޅުމާލެއިން ގަތީ، ގާތްގަނޑަކަށް 211 މިލިއަން ރުފިޔާއަށް 43،401 އަކަފޫޓުގެ ބިމެކެވެ.

