ކ. ކާށިދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުން ގޯއްޗަށް އެދި ކުރިމަތިލުމަށް އިތުރު މުއްދަތެއް ދީފިއެވެ. މިގޮތުން ގޯއްޗަށް އެދި ހުށަހަޅާ ފޯމް ބަލައިގަތުމުގެ މުއްދަތު ސެޕްޓެމްބަރު 8 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.
އެރަށު ކައުންސިލުން ކުރި އިއުލާނުގައިވާ ގޮތުން މި ބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 410 ގޯއްޗެވެ. މީގެ ތެރެއިން 400 ގޯތި ހާއްސަކުރެވިފައިވަނީ ކާށިދޫގެ ރަށްވެހިންނާއި، ކާށިދޫ ރަށްވެހިންނާ ކައިވެނިކޮށްގެން އެރަށުގައި ދިރިއުޅޭ މީހުންނަށެވެ. އަދި ކައިވެނީގެ ގޮތުން ފިޔަވައި ކާށިދޫއަށް ހިޖުރަކޮށް، ރަށްވެހިކަން ބަދަލުކޮށް ކާށިދޫގައި ދިރިއުޅޭ ފަރާތްތަކަށާއި ކާށިދޫއަށް ދިރިއުޅުން ބަދަލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށްވެސް މި ފުރުސަތު ހުޅުވާލެވިފައިވެއެވެ.
މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 10 ގޯތި ވަނީ ހާއްސަ ކުރެވިފައެވެ.
ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށާއި ރޭގަނޑު 8:00 އިން 10:00 އަށް ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ.

