މަސްވެރިކަމުގެ މޫސުމާއެކު މިދިޔަ ހަފްތާގައި މަހަށް ނިކުތް ދޯނިތަކުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި 340 ދޯންޏަކުން މަސްކިރުވާފައިވެއެވެ. މިއީ އޭގެ ކުރީ ހަފްތާގައި މަސްކިރުވި 234 ދޯންޏާ އަޅާބަލާއިރު 45.3 އިންސައްތައިގެ އިތުރުވުމެކެވެ.
މަސްވެރިކަން ރަނގަޅުވުމާއެކު، މަސްވެރިންނަށް ދޫކުރެވުނު ފައިސާގެ އަދަދުވެސް ވަނީ 59.8 އިންސައްތަ އިތުރުވެފައެވެ. މިގޮތުން މިދިޔަ ހަފްތާގައި މަސްވެރިންނަށް ޖުމްލަ 16,609,466 ރުފިޔާ ދޫކުރެވިފައިވާއިރު، އޭގެ ކުރީ ހަފްތާގައި ދޫކުރެވިފައިވަނީ 10,390,914 ރުފިޔާއެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ހަފްތާގައި އެންމެ ގިނަ ފައިސާ ދޫކުރެވިފައިވަނީ އަންގާރަ ދުވަހުއެވެ. އެދުވަހު 44 ދޯންޏަކުން މަސްކިރުވާފައިވާއިރު، އެ ދޯނިތަކަށް ޖުމްލަ 2,777,672 ރުފިޔާ ދޫކުރެވިފައިވެއެވެ.
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދެމުންގެންދާ އިސްކަމުގެ ދަށުން، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމުގައި 24 އަހަރުން ދަށުގެ 5 ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު ދެވި، ރާއްޖޭގެ އެންމެ ފުންނާބު އުސް ކެޔޮޅުންގެ އަތުން މަސްވެރިކަމުގެ ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

