އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ މިއަދު ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުވުން ބޭއްވުނީ ޗައިނާގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓްގެ ހަވާސާގައެވެ.
ދެ ލީޑަރުން ޗައިނާއަށް ވަޑައިގެންފައިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށެވެ. ބައްދަލުވުމަށްފަހު އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓެއް ކުރައްވައި، ރާއްޖެއާއި އިންޑިއާގެ ގާތް އެކުވެރި ގުޅުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ވާކަން ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖެއާއި އިންޑިއާއަކީ އެންމެ ގާތް އަވައްޓެރި ޤައުމުގެ ގޮތުގައި އަބަދުވެސް ހަރުދަނާ ގުޅުމެއް ބާއްވަމުން އަންނަ ދެ ޤައުމެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ މި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތެއްގައި، ދާދި ފަހުން ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުތައް ޝަރަފުވެރިކޮށްދެއްވުމަށް ރައީސް މުޢިއްޒުގެ ޚާއްސަ ދަޢުވަތަކަށް ބޮޑުވަޒީރު މޯދީ ވަނީ ރާއްޖެ ވަޑައިގެންފައެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުމުގެ ހެއްކެކެވެ.
ދެ ޤައުމުގެ މެދުގައި އޮތް މި ގާތް ގުޅުމުގެ ސަބަބުން، މިހާރު ވަނީ ދެ ޤައުމުގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ގުޅުން ބައްޓަންކުރެވިފައެވެ.

