ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި މެޑަމް ޕެންގް ލިޔުއާން މިއަދު ދެއްވި މަރުހަބާގެ ޖާފަތުގައި ބައިވެރިވެވަޑައިގެންފިއެވެ. މި ޖާފަތަކީ ޓިއާންޖިން މެއިޖިއާންގް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި ބޭއްވުނު ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓާ ގުޅިގެން ބޭއްވުނު ހާއްސަ ހަރަކާތެކެވެ.
މި ޖާފަތަކީ އެސްސީއޯ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި މަލްޓިލޭޓަރަލް އެޖެންސީތަކުގެ ވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ބޭއްވުނު ހަރަކާތެކެވެ. ރައީސް މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޗައިނާއަށް ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާ އެސްސީއޯ ސަމިޓަކީ ސަރަހައްދީ ގުޅުންތައް ބަދަހިކުރުމަށް މުހިންމު މަންސަތެއް ކަމުގައި ބެލެވެއެވެ.
2001 ވަނަ އަހަރު އުފެދުނު އެސްސީއޯ އަކީ ޔޫރޭޝިއާގެ އެކި ކަންކޮޅުތަކުގައި ސިޔާސީ، އިގްތިސާދީ އަދި ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކޮށް، މެމްބަރު ގައުމުތަކާއި ޕާޓްނަރު ގައުމުތަކަށް އާންމު ގޮންޖެހުންތަކާއި ސްޓްރެޓެޖިކް މަސްލަހަތުތަކުގައި އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދޭ މުހިންމު ސަރަހައްދީ ޖަމިއްޔާއެކެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތުމަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ދެމެހެއްޓެނިވި ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ.

