ރާއްޖޭގައި ނޫސްވެރިންގެ ފެންވަރު މަތިކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ބްރޯޑްކާސްޓިންގ ނޫސްވެރިން އެކްރެޑިޓްކުރުމުގެ އުސޫލު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ އާންމުކޮށްފިއެވެ. މި އުސޫލުގެ ދަށުން، ބްރޯޑްކާސްޓިންގ ނޫސްވެރިންނަށް ޚާއްސަ ތަމްރީނުތަކެއް ދިނުމަށްފަހު ޕްރެސް ފާހެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން މި އުސޫލު އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ ނޫސްވެރިކަމުގެ ފެންވަރު މަތިކޮށް، ފެންވަރު ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބާރުއެޅުމެވެ. މީގެ އިތުރުން، ބްރޯޑްކާސްޓިންގ ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންގެ ދަފްތަރެއް އެކުލަވާލުމާއި، ނޫސްވެރިންގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާ ކަށަވަރުކުރުމަށްވެސް މި އުސޫލުން މަގުފަހިވެގެންދާނެއެވެ.
މި އުސޫލުގެ ދަށުން ޕްރެސް ފާސް ދޫކުރެވޭނީ އެޑިޓަރުން، ރިޕޯޓަރުން، ޕްރެޒެންޓަރުން، ލިޔުންތެރިން، ކޮލަމިސްޓުން އަދި ފޮޓޯ އަދި ވީޑިއޯ ޖަރނަލިސްޓުންނަށެވެ. އެކްރެޑިޓޭޝަން ހޯދުމަށް އެދޭ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެމްކިއުއޭ ލެވެލް 3 ގެ ސަނަދެއް ނުވަތަ ނޫސްވެރިކަމުގެ ދާއިރާއިން މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ހިމެނެއެވެ.
އެކްރެޑިޓޭޝަން ބާތިލްކުރެވޭނެ ޙާލަތްތަކުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވުމާއި، ނޫސްވެރިކަމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުވުން ހިމެނެއެވެ. މި އުސޫލަށް ޢަމަލުކުރަން ފަށާނީ ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިޢުކުރާތާ 6 މަސްދުވަސް ފަހުންނެވެ.
"ނޫސްވެރިކަމުގެ ފެންވަރު މަތިކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ފަހި މާޙައުލެއް ޤާއިމުކުރުމަށް މި އުސޫލުން މަގުފަހިވެގެންދާނެ،" ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވިއެވެ.

