ހުޅުމާލެ ޓާމިނަލުން މުދާ ދޫކުރަމުންދާ އުސޫލު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.
އެމްޕީއެލްއިން މިކަން އިއުލާނު ކުރައްވަމުން ވިދާޅުވެފައިވަނީ މި ކިޔު ލައިވްކުރުމާއެކު، ހުޅުމާލެ ޓާމިނަލުން މުދާ ކްލިއަރ ކުރެވޭނީ ހަމައެކަނި ކިޔުގެ ތެރެއިން ކަމަށެވެ. އަދި މި ބަދަލާއެކު ހުޅުމާލެ ޓާމިނަލުން މުދާ ކްލިއަރ ކުރުމުގެ މަސައްކަތް އަވަސްވެ، އާންމުންނަށް ދެވޭ ޚިދުމަތް އިތުރަށް ހަލުވިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ކިޔުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެމްޕީއެލްގެ ވެބްސައިޓުގައިވާ ވެހިކަލް ރެޖިސްޓްރޭޝަން ރިކުއެސްޓް ފޯމު ސެޕްޓެމްބަރު 3 ގެ ކުރިން ފުރިހަމަކޮށް ހުށަހަޅަންޖެހޭނެއެވެ. ފޯމު ހުށަހެޅުމަށް info@port.mv އަށް މެއިލް ކުރުމުގެ އިތުރުން ހުޅުމާލޭ ފައިނޭންސް ކައުންޓަރަށްވެސް ހުށަހެޅިދާނެއެވެ.
ކިޔުގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރޭގައި، މާލެ ކޮމާޝަލް ހާބަރު (އެމްސީއެޗް) ވެހިކަލް ކިޔު ކައުންޓަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އެމްސީއެޗް ކިޔުއިން ވަކިވުމަށް އެދި ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. އަދި ރަޖިސްޓްރީވުމަށް އެދޭ ފަރާތަކީ އެމްސީއެޗް ކިޔު ކައުންޓަރުން ރަޖިސްޓްރޭޝަން ބާތިލުކުރެވިފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.
މީގެއިތުރުން، ހުށަހަޅާ ލިޔެކިޔުންތަކުގެ މުއްދަތު ހަމަވެފައި ނުވުމާއި، ވެހިކަލްގެ ވެރިފަރާތަކީ ދިވެހި ރައްޔިތެއްކަމުގައިވުމާއި، އޭ ޒޯންގައި ރަޖިސްޓްރީ ކުރެވިފައިވާ ވެހިކަލަކަށްވުން ޝަރުތުކޮށްފައިވެއެވެ. އަދި ޕިކަޕްގެ ގޮތުގައި ބަލައިގަނެވޭނީ 1 ޓަނުން ފެށިގެން މަތީ ވެހިކަލްތައް ކަމަށްވެސް އެމްޕީއެލްއިން ވަނީ ހާމަކުރައްވާފައެވެ.

