ދިވެހިރާއްޖޭގެ އިންޖިނިއަރުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، މުޅިރާއްޖޭގެ ތަޢުލީމީ އިދާރާތަކަށް އަމާޒުކޮށްގެން އިންޖިނިއަރިންގ ދާއިރާގެ ކެރިއަރ ގައިޑެންސް ޕްރޮގްރާމްތަކާއި ސައިޓް ވިޒިޓްތަކެއް ކުރިއަށްގެންގޮސްފިއެވެ.
އިމާރާތްކުރުމާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްތައް ހިންގާފައިވަނީ ތަޢުލީމީ ވުޒާރާއާއި ދައުލަތުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެހީތެރިކަމާއެކުގައެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 28 ތަޢުލީމީ އިދާރާއަކަށް ޚިދުމަތް ފޯރުކޮށްދީފައިވާއިރު، އިތުރު ޕްރޮގްރާމްތަކެއް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ.
މި ޕްރޮގްރާމްގެ ދަށުން އެމްޓީސީސީން ބޮޑުތަކުރުފާނު މަގު ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށާއި، އެމްއޭސީއެލްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް، އަދި އެފްޑީސީން ހުޅުމާލޭގެ އަމާން އުދަރެސް ޓަވަރުތަކަށް ސައިޓް ވިޒިޓްތައް ކުރިއަށްގެންގޮސްފައިވެއެވެ. އަދި ފެނަކަ ކޯޕަރޭޝަނުން 23 ސްކޫލެއްގައި ކެރިއަރ ގައިޑެންސް ޕްރޮގްރާމްތައް ހިންގާފައިވާއިރު، ސްޓެލްކޯއިން ޕަވަރ ހައުސްތަކަށް ސައިޓް ވިޒިޓްތައް ކުރިއަށްގެންގޮސްފައިވެއެވެ.
އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ސިވިލް އިންޖިނިއަރިންގ، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ ދަރިވަރުންނަށް މާލެ-ތިލަފުށި ލިންކް ސައިޓަށް ޒިޔާރަތްކުރުމުގެ ފުރުސަތު ހޯދައިދީފައެވެ. މި ޒިޔާރަތުގައި ޤައުމީ ޔުނިވަރސިޓީގެ ގިނަ ދަރިވަރުންތަކެއް ބައިވެރިވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް އޮގަސްޓް 30 ވަނީ ދިވެހިރާއްޖޭގެ އިންޖިނިއަރުންގެ ދުވަސްކަމުގައި ކަނޑައަޅާފައެވެ. މި ތާރީޚު ހަމަޖައްސާފައިވަނީ ރާއްޖޭގެ އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢުކަމުގައިވާ ސިނަމާލެ ބްރިޖު އިފްތިތާޙުކުރެވުނު ދުވަހާ ގުޅުވައިގެންނެވެ.

